ތިންވަނަ ޑިވިޝަންގެ ޓޮޕް ސްކޯރާ އާއި މޮޅު ކުޅުންތެރިޔަކީ ވެސް ބަންބުޗް

އޭދަފުށީގެ އަހުމަދު ސުހެއިލް (ބަންބުޗް) ގެ މޮޅު ކުޅުމާ އެކު އެކު ޓީއެފްޓީ ސްޕޯޓްސް ކްލަބުން އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ތިންވަނަ ޑިވިޝަނުގައި ބަންބުޗްގެ އިތުރުން އޭދަފުށީގެ ޑިފެންޑަރު އަހުމަދު ހުމެއިދު ވެސް ވަނީ ޓީއެފްޓީ އަށް ކުޅެފަ އެވެ.
ކުރީގެ ގައުމީ ޓީމުގެ ޑިފެންޑަރު ފަރުހާދު އިސްމާއިލްގެ ކޯޗުކަމުގައި ނުކުތް ޓީއެފްޓީ ވަނީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކޯޗުކަމުގައި ކުޅޭ އެޓޯލްސް އެފްސީއާ ވާދަ ކުރި ފައިނަލް މެޗު 2-0 އިން ކާމިޔާބު ކޮށްފަ އެވެ.
ފައިނަލް މެޗުގައި ޓީއެފްޓީގެ ދެވަނަ ލަނޑު ޖަހައިދިނީ ބަންބުޗް އެވެ. އަދި ސެމީ ފައިނަލްގައި ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް އެ ޓީމުން ޖެހި ދެ ލަނޑު ވެސް ޖެހީ އޭނާ އެވެ. އޭނާ ވަނީ މުބާރާތުގައި 14 ގޯލު ކާމިޔާބު ކޮށްފަ އެވެ.
ކުރިން ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީއަށް ވެސް ކުޅުމަށް ފަހު އަނިޔާގެ ސަބަބުން ބަންބުޗަށް އެއްވަނަ ޑިވިޝަނާ ދުރަށް ދާން ޖެހުނެވެ. އޭގެ ފަހުން ބަންބުޗް ވަނީ ދެވަނަ ޑިވިޝަންގައި ޖޭޖޭ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް އަދި ވިކްޓަރީއަށް ވެސް ކުޅެފަ އެވެ. މީގެ އިތުރުން މި މުއްދަތުގައި އެފްއޭއެމް ސެންޓްރަލް ލީގު އޯޕަން ޑިވިޝަންގައި ކްލަބް އޭދަފުއްޓަށް ވެސް އޭނާ ކުޅެފައިވެ އެވެ.
މިއީ ބަންބުޗާއި ޓީއެފްޓީ ވެސް ތިންވަނަ ޑިވިޝަންގައި ވާދަ ކުރި ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީ ހޯދި އިރު ބަންބުޗް ވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ.
ޗެމްޕިއަންކަމާ އެކު ޓީއެފްޓީ ވަނީ އަންނަ ސީޒަންގެ މާލޭ ރީޖަން ލީގަށް ކޮލިފައި ވެފަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
