މާރެސް އިންވިޓޭޝަން ކަޕް 2026: ފޯރިގަދަ ކުޅުމަކާއެކު މުބާރާތް ފަށައިފި

އޭދަފުށި ޓައިމްސްޚަބަރު

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމުކޮށްގެން ބާއްވާ ބ. އަތޮޅުގެ އެންމެ ބޮޑު ވޮލީ މުބާރާތް، “މާރެސް އިންވިޓޭޝަން ކަޕް ވޮލީބޯޅަ މުބާރާތް 2026” ޖުލައި 20 ވަނަ ދުވަހު ފަށައިގެން ފޯރިއާއެކު ކުރިއަށް އެބަދެއެވެ.

މި މުބާރާތުގެ ފުރަތަމަ ދެ ދުވަހު ކުޅެވުނު މެޗުތަކުން ވަނީ ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ޖުލައި 20 ވަނަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި މަދިރި ޔުނައިޓެޑުން ވަނީ ކަމަދޫ ވޮލީ ޓީމުގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް މަދިރި ޔުނައިޓެޑުން ގެންދިޔައީ 25-21، 25-22، 18-25، އަދި 25-23 އިންނެވެ. މި މެޗުގެ ސްޓަރ އޮފް ދަ މެޗަކަށް ހޮވުނީ މަދިރި ޔުނައިޓެޑުގެ ސަންޖީ ލަކްޝަންއެވެ. އެ ދުވަހުގެ ދެވަނަ މެޗުގައި ނައިބޮލި ވޮލީ ޓީމުން ވަނީ ސީދާ ތިން ސެޓުން ޓީމު ފުޅަފި ބަލިކޮށްފައެވެ.

ދެވަނަ ދުވަހުގެ ކުޅުމަށް ބަލާއިރު، ފުޅަދޫ ވޮލީ ޓީމުން ވަނީ 3 ސެޓު 1 ސެޓުން ފިނޮޅު ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުޅަދޫ ޓީމުގެ ހަސަން ނިލާމެވެ. އަދި ދެވަނަ މެޗުގައި ސޮނެވާ ފުށިން ވަނީ ފޯ ސީޒަން ލަނޑާ ގިރާވަރުގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާފައެވެ. މި މެޗުގެ ސްޓަރ އޮފް ދަ މެޗުގެ މަގާމު ހޯދީ ސޮނެވާ ފުށީގެ ބިދޭސީ ކުޅުންތެރިޔާ އަދީޝް ތެނުކައެވެ.

މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލު

މާރެސް އިން މައުލޫމާތު ދޭގޮތުގައި، މިއަހަރުގެ މުބާރާތުގެ ފޯމެޓަށް ވަނީ މުހިންމު ބަދަލެއް ގެނެސްފައެވެ. ކުރިން ވަކިވަކިން ބާއްވަމުން އައި އަތޮޅު މުބާރާތާއި، ރަށު މުބާރާތް އަދި ރިސޯޓު މުބާރާތް މިހާރު ވަނީ އެއް މުބާރާތެއްގެ ގޮތަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި ބިދޭސީ މޮޅު ކުޅުންތެރިންގެ ހުނަރު އެއް މައިދާނަކުން ފެނިގެންދާނެއެވެ.

މިރޭވެސް މުބާރާތުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރޭގަނޑު 8:15 ގައި މަދިރި ޔުނައިޓެޑް ނުކުންނާނީ ފޯ ސީޒަން ލަނޑާ ގިރާވަރާ ދެކޮޅަށެވެ. އަދި 9:45 ގައި ނައިބޮލި ވޮލީ ޓީމު ބައްދަލުކުރާނީ ފިނޮޅާއެވެ. މި މުބާރާތުގައި ބ. އަތޮޅުގެ ރަށްތަކުގެ އިތުރުން ރިސޯޓުތަކާއި ޅ. ނައިފަރުގެ ޓީމެއް ވެސް ބައިވެރިވެއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ޖުލައި 26 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ ޖުލައި 28 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ.

2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ބ. އަތޮޅުގައި ބޭއްވޭ އެންމެ ފާހަގަކޮށްލެވޭ އެއް ވޮލީ މުބާރާތެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...