މާރެސް އިންވިޓޭޝަން ކަޕް ވޮލީބޯޅަ މުބާރާތް: ރޭ ވެސް ފޯރިގަދަ މެޗުތަކެއް

“މާރެސް އިންވިޓޭޝަން ކަޕް ވޮލީބޯޅަ މުބާރާތް 2026” ގައި ރޭ ވެސް ފޯރިގަދަ ދެ މެޗެއް ކުޅެފިއެވެ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ރޭގެ ފުރަތަމަ މެޗުގައި މަދިރި ޔުނައިޓެޑުން ވަނީ ފޯ ސީޒަން ލަނޑާ ގިރާވަރުގެ މައްޗަށް ކުރިހޯދާފައެވެ.
މަދިރި ޔުނައިޓެޑާއި ފޯ ސީޒަން ބައްދަލުކުރި މެޗު މަދިރި ޔުނައިޓެޑުން ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-22، 25-19، 25-20 އަދި 25-23 އިންނެވެ. މި މެޗުގެ ސްޓަރ އޮފް ދަ މެޗުގެ މަގާމު ހޯދީ މަދިރި ޔުނައިޓެޑުގެ ޖާރޒީ ނަމްބަރު 18 ސުޖިތް ކުމާރެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ނައިފަރު ނައިބޮލި ޓީމާއި ފިނޮޅު ބައްދަލުކުރިއިރު، މި މެޗު ފަސް ސެޓަށް ދިގުދެމިގެން ދިޔައެވެ. ނައިބޮލި ޓީމުން މެޗު ކާމިޔާބުކުރި މި ފޯރިގަދަ މެޗުގެ ސެޓުތައް ދިޔައީ 25-22، 25-22، 25-19، 25-19 އަދި 15-9 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިބޮލީގެ ޖާރޒީ ނަމްބަރު 16 ގަގަން ކުމާރެވެ.
މި މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ 8:15 ގައި ފުޅަދޫ އާއި ފުޅަފި ބައްދަލުކުރާއިރު، 9:45 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ސޮނެވާ ފުއްޓާއި ކަމަދޫ އެވެ. މިއަހަރުގެ މުބާރާތުގައި ބ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކުގެ އިތުރުން ޅ. ނައިފަރުން ވެސް ޓީމެއް ބައިވެރިވެފައިވެއެވެ.
މާރެސް އިން މައުލޫމާތު ދޭ ގޮތުގައި، ކުރިން ވަކިވަކިން ބާއްވަމުން އައި އަތޮޅު، ރަށު އަދި ރިސޯޓު މުބާރާތްތައް މިހާރު ވަނީ އެއް މުބާރާތަކަށް ބަދަލުކޮށްފައެވެ. މިއީ މުބާރާތުގެ ފެންވަރު މަތިކޮށް ވާދަވެރިކަން އިތުރުކުރުމަށް ނިންމި ނިންމުމެކެވެ. މި މުބާރާތުގައި ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ވެސް އަންނަނީ ކުޅެމުންނެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ސެމީ ފައިނަލް މެޗުތައް ޖުލައި 26 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ ޖުލައި 28 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ. 2022 ވަނަ އަހަރުން ފެށިގެން ބާއްވާ މި މުބާރާތަކީ ބ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އެއް ވޮލީ މުބާރާތެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...