މާރެސް އިންވިޓޭޝަން ކަޕް: މަދިރި ޔުނައިޓެޑާއި ނައިބޮލި ސެމީގެ ޖާގަ ކަށަވަރުކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

މިހާރު ކުރިއަށްދާ “މާރެސް އިންވިޓޭޝަން ކަޕް ވޮލީބޯޅަ މުބާރާތް 2026” ގެ ސެމީ ފައިނަލުގެ ފުރަތަމަ ދެ ޖާގަ މަދިރި ޔުނައިޓެޑާއި ނައިބޮލި ޓީމުން ކަށަވަރުކޮށްފިއެވެ. މި މުބާރާތަކީ ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރިގަދަ މުބާރާތެކެވެ.

ގްރޫޕް އޭ އަށް ބަލާއިރު، މަދިރި ޔުނައިޓެޑުން ވަނީ ކުޅުނު ދެ މެޗުން 6 ޕޮއިންޓު ހޯދައި ސެމީގެ ޖާގައެއް ޔަގީންކޮށްފައެވެ. މި ގްރޫޕުގެ ދެވަނަ ޖާގައަށް ވާދަކުރަނީ 3 މެޗުން 5 ޕޮއިންޓު ހޯދާފައިވާ ކަމަދޫ ޓީމާއި، 2 މެޗުން 4 ޕޮއިންޓު ހޯދާފައިވާ ސޮނެވާ ފުއްޓެވެ. މި ގްރޫޕުން ސެމީއަށް ދާނެ ދެވަނަ ޓީމު ކަށަވަރުވާނީ މިރޭ މަދިރި ޔުނައިޓެޑާއި ސޮނެވާ ފުށި ބައްދަލުކުރާ މެޗަށްފަހުއެވެ. ފޯ ސީޒަން ލަނޑާ ގިރާވަރު ވަނީ ކުޅުނު ތިން މެޗުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.

ގްރޫޕް ބީ އިން ސެމީގެ ޖާގަ ނައިބޮލި ޓީމުން ކަށަވަރުކުރީ ކުޅުނު ދެ މެޗުން 6 ޕޮއިންޓު ހޯދައިގެންނެވެ. މި ގްރޫޕުގެ ދެވަނަ ޖާގައަށް އޮތީ ބޮޑު ވާދަވެރިކަމެކެވެ. ފުޅަފި ޓީމަށް 3 މެޗުން 4 ޕޮއިންޓު ލިބިފައިވާއިރު، ފުޅަދޫ އަށް 2 މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ. މިރޭ ނައިބޮލި އާއި ފުޅަދޫ ބައްދަލުކުރާ މެޗުން ފުޅަދޫ މޮޅުވެއްޖެނަމަ އެ ޓީމަށް ސެމީގެ ޖާގަ ލިބޭނެއެވެ. ނޫންނަމަ ސެމީއަށް ދާނީ ފުޅަފި ޓީމެވެ. ފިނޮޅު ޓީމު ވަނީ 3 މެޗުން 3 ޕޮއިންޓާއެކު މުބާރާތުން ވަކިވާން ޖެހިފައެވެ.

2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ވޮލީބޯޅައަށް ޝައުވެރިވާ ޒުވާނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދީ، ތަޖުރިބާއާއި ހުނަރު އިތުރުކުރުމެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދަނީ ކުރިން ވަކިވަކިން ބޭއްވި އަތޮޅު، ރަށު އަދި ރިސޯޓު މުބާރާތްތައް އެއްކޮށްލައިގެން، މުބާރާތުގެ ފެންވަރު މަތިކުރުމުގެ ގޮތުންނެވެ.

މި މުބާރާތުގައި ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ ހުނަރުވެސް ފެނިގެންދާނެއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ޖުލައި 26 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ ޖުލައި 28 ވާ އާދިއްތަ ދުވަހުގެ ރޭ 8:30 ގައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...