ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ހަލީމާ އަހުމަދަށް

ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު، ބ. އަތޮޅު ހޮސްޕިޓަލުގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމުގައި ހުންނެވި ބ. އޭދަފުށީ، ސައިމާގޭ އަލްފާޟިލާ ޙަލީމާ އަޙްމަދު އަށް ލިބިވަޑައިގެންފިއެވެ.
މި ޝަރަފުވެރި އިނާމު އޭނާއަށް އެރުވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތަކަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ޙަލީމާ އަޙްމަދަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ޖަލްސާގައި ޙަލީމާގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި 60 އަށް ވުރެ ގިނަ ބޭފުޅުންނަށް ވަނީ އިނާމު ދެއްވާފައެވެ.
ޚިދުމަތުގެ ދިގު ތާރީޚެއް
ޙަލީމާ އަޙްމަދު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 14 އެޕްރީލު 1983 ގައެވެ. އެންމެ ފުރަތަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމުން ފެއްޓެވި ޚިދުމަތުގައި، ބ. އަތޮޅު ހޮސްޕިޓަލާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ފަދަ މުހިންމު އިދާރާތަކުގައި ހަލީމާ ވަނީ މަސައްކަތް ކުރައްވާފައެވެ.
ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ޙަލީމާ ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ނުހަނު ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ޢާންމު ޞިއްޙަތަށް ހޭލުންތެރިކުރުވުމާއި، މާބަނޑު މީހުން ބެއްލެވުމާއި ވިއްސުމުގައި އެހީތެރިވެދެއްވުމުގެ އިތުރުން، ކުޑަކުދިންނަށް ވެކްސިން ދިނުމާއި އެކުދިންގެ ހެދިބޮޑުވުން މޮނިޓަރ ކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އަދި ޢާންމުކޮށް ފެތުރޭ ރޯގާތައް ކޮންޓްރޯލް ކުރުމާއި، ގޭގެއަށް ޒިޔާރަތްކޮށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެކަމަނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މީގެއިތުރުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެއްލެވުމާއި ސްކޫލް ހެލްތު ޗެކްއަޕްތަކުގައިވެސް ޙަލީމާ ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. ބ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގައިވެސް އެކަމަނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.
ޙަލީމާ އަޙްމަދަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާތެރި، ތެދުވެރި އަދި އިޚުލާޞްތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ މުވައްޒަފެކެވެ. އެހެން މުވައްޒަފުންނާ ގުޅިގެން، ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެކަމަނާ ކުރައްވަމުން ގެންދަވާ ޚިދުމަތަކީ މިއަދު މުޅި ޞިއްޙީ ދާއިރާއަށްވެސް ނަމޫނާއެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...