ބީޑަބްލިއުއެފް ޖޫނިއާ މުބާރާތަށް ރިޝާމް ފިލިޕީންސަށް

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ޖޫނިއ ސާކިޓް މުބާރާތެއް ކަމަށްވާ ފިލިޕީންސް ޖޫނިއާ އިންޓަނޭޝަނަލް ސީރީޒް 2026 ގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޓީމާއެކު ރިޝާމް އަބްދުލް ފައްތާހް ފިލިޕީންސަށް ފުރައިފި އެވެ.
ފިލިޕީންސް ސީރީޒްގައި ވާދަ ކުރަން ފުރި ޓީމު ދެ އުމުރުފުރާއެއްގައި ވާދަ ކުރާނެ އެވެ. އެއީ 15 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ބައިގަ އެވެ. ރިޝާމް ވާދަ ކުރާނީ 15 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ.
ރިޝާމްގެ އިތުރުން 15 އަހަރުން ދަށުގެ ބައިގައި ވާދަ ކުރާނީ ލައިބާ އަހުމަދު މަހުލޫފް އާއި ޔަލްވީ ހުސެއިން ޒުހުރީ އެވެ. ނަވާރަ އަހަރުން ދަށުގެ ބައިގައި ވާދަ ކުރާނީ ފަލާހް ފަރްޒޫން، އިޒްޔާން އަބްދުﷲ، އައިދިން އަންވަރު އަދި އާމިނަތު އަމްނާ އެވެ.
ސިންގަލްސް ކެޓެގަރީގެ އިތުރުން، ޔަލްވީ އާއެކު 15 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް ކެޓެގަރީގައި ވެސް ރިޝާމް ވާދަ ކުރާނެ އެވެ.
އޮގަސްޓް 4-9 އަށް ކުރިއަށްދާ މި މުބާރާތުގައި އޭޝިއާގެ އެކި ގައުމުތަކުން 150 އަށް ވުރެ ގިނަ ޖޫނިއާ ކުޅުންތެރިން ވާދަ ކުރާނެ އެވެ. މި މުބާރާތުގެ ކުރިން ރާއްޖޭގެ ޓީމު، އެއް ހަފްތާގެ ޓްރޭނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ރިވައިވަލް ސްޕޯޓްސް އޭދަފުށީ ބެޑްމިންޓަން އެކަޑަމީގައި ތަމްރީނު ވަމުން އަންނަ ރިޝާމް، ބީޑަބްލިއުއެފް ޖޫނިއާ ސާކިޓް މުބާރާތެއްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ.. އޭނާ ވަނީ މި އަހަރު އޮތް ޔޫތު ގައުމީ ޓީމް ސިލެކްޝަންގައި 16 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަ ކޮށް ގައުމީ ޓީމުން ޖާގަ ހޯދައި، އޭޕްރީލް މަހު ޕާކިސްތާންގެ އިސްލާމްއާބާދުގައި އޮތް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 ގައި 16 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު އޭނާ ވާދަ ކޮށްފައިވެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...