އޮޅުވެލިފުށި ބަލިކޮށް އޭދަފުށި ޒޯން 3 ގެ ފައިނަލަށް

ކުޅިވަރު
މިއަދު ހަވީރު އޭދަފުއްޓާއި އޮޅުވެލިފުށި ބައްދަލުކުރި މެޗްގައި ފާއްޓެ ބޯޅަ ހިފައިގެން ކުރިޔަށްދަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު އޭދަފުއްޓާއި އޮޅުވެލިފުށި ބައްދަލުކުރި މެޗްގައި ފާއްޓެ ބޯޅަ ހިފައިގެން ކުރިޔަށްދަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ފައިނަލުގެ ފަހު ޖާގަ ޗެންޕިއަން އޭދަފުށިން ހޯދައިފިއެވެ.

އޭދަފުށިން ފައިނަލުގެ ފަހު ޖާގަ ހޯދީ މިއަދު ހަވީރު އޮޅުވެލިފުށީ ފުޓްބޯޅަ ދަނޑުގައި އޭދަފުއްޓާއި އޮޅުވެލިފުށި ބައްދަލުކުރި މެޗް 0-1 ގެ ނަތީޖާއަކުން އޭދަފުށި ކާމިޔާބު ކުރުމާގުޅިގެންނެވެ. މި މެޗްގައި އޭދަފުށި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ އަބްދުލް ސަލާމު އަހުމަދެވެ. އޭދަފުށިން މެޗުގެ ލީޑު ނެގުމުން އޮޅުވެލިފުށިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އޭދަފުށީގެ 5 ކުޅުންތެރިޔަކަށް ވަނީ ރީނދޫ ކާޑް ދައްކާފައެވެ.

އޭދަފުށި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާކަމަށްވާ އިޝާން އިބްރާހިމް (ސައްޓު) އާ ނުލާ ކުޅުނު މި މެޗްގައި އޭދަފުށި ޓީމުންވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ހިފޭގޮތް ނުވެފައެވެ. މި މެޗްގައި އޮޅުވެލިފުއްޓަަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. އޮޅުވެލިފުށިން ގޯލަށް ފޮނުވާލި ހަމަލާ މަތީ ދަނޑީގައި ޖެހިފައި ވެއްޓުނީ ގޯލް ލައިން މައްޗަށެެވެ. ނަމަވެސް އެވަގުތު އޭދަފުށި ޓީމުގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ބޯޅަ ކުޅުމުގެ ތެރެއަށް ފޮނުވާލާފައެވެ.

މި މުބާރާތުގެ ފަައިނަލަށް އޭދަފުށި ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އޭދަފުއްޓާއި އޮޅުވެލިފުށި ބައްދަލުކުރާ ފައިނަލަށް މެޗް އޮންނާނީ މިމަހު 27 ވާ ބުރާސްފަތި ދުވަހު ހަވީރު އޮޅުވެލިފުށި ފުޓްބޯޅަ ދަނޑުގައެެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...