ކަރަންޓް މައްސަލަ އަށް އަވަސް ހައްލެއް ބޭނުން

ރިޕޯޓް
އޭދަފުށީ އިންޖީނުގެ. މި ތަނުގައި ބޭނުންކުރަމުންދާ އިންޖީނަކަށް މައްސަލަ ދިމާވެގެން ދޭތެރެ ދޭތެރެ ދޭތެރެއިން ދަނީ ކަރަންޓް ކަނޑާލަމުން
އޭދަފުށީ އިންޖީނުގެ. މި ތަނުގައި ބޭނުންކުރަމުންދާ އިންޖީނަކަށް މައްސަލަ ދިމާވެގެން ދޭތެރެ ދޭތެރެ ދޭތެރެއިން ދަނީ ކަރަންޓް ކަނޑާލަމުން

ބ. އަތޮޅުގެ ވެރިރަށް އޭދަފުއްޓަށް މި ފަހަކަށް އައިސް ވަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެފަ އެވެ. ހޫނުކަން ބޮޑު ދުވަސްވަރަކަށް ފަހު ވިއްސާރަ މޫސުމް ފެށުމުން ވެސް އެކަން އަދި ވަނީ ހައްލުކުރެވޭ ގޮތް ނުވެފަ އެވެ. މިއީ ފަހަކަށް އައިސް މިރަށުގެ ރައްޔިތުންނަށް ކުރިމަތިވި ކަރަންޓް ކެނޑުމުގެ އެންމެ ދިގު ސިލްސިލާ އެވެ.

އޭދަފުށީ އިންޖީނުގެއިން ބުނާ ގޮތުގައި ދޭތެރެ ދޭތެރެއިން ރަށުގެ އެކި ހިސާބުތަކުން ބައިގަޑިއިރަށް ކަރަންޓް ކެނޑާލަންޖެހެނީ ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށް ގޮސް އެތަނުގެ އިންޖީނުތަކުގެ ކެޕޭސިޓީ އަށް ނުފެތިގެންނެވެ.

އިރުއިރުކޮޅުން ކަރަންޓް ކަނޑައިގެން ދިއުމުން އުފެއްދުންތެރިކަމަށް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ އެވެ. އޮފީސްތަކުގެ މަސައްކަތް ހުއްޓާލަން ޖެހެ އެވެ. ވިޔަފާރިތައް ހުއްޓުމަކަށް އާދެ އެވެ. އަގުބޮޑެތި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އަދި އިންސާނީ އެހެން ގިނަ މަސައްކަތްތަކަށް ބުރޫއަރަ އެވެ. އެހެންކަމުން ކަރަންޓަކީ ހަމައެކަނި ކޮޓަރި ފިނިކޮށްލަން ބޭނުންކުރާ ޚިދުމަތަކަށް ވުރެ މިއަދުގެ ދުނިޔޭގައި އެއީ އުފެއްދުންތެރިކަމުގައި ވެސް އެންމެ ބޮޑު ރޯލެއް އަދާކުރާ ޚިދުމަތެވެ.

އޭދަފުއްޓަށް މިހާރު ބޭނުންވަނީ ކަރަންޓްގެ ކެނޑުމުގެ މައްސަލައަށް ކުރު މުއްދަތުގެ ހައްލެއް ނޫނެވެ. ދިގު މުއްދަތެއްގެ އަވަސް ހައްލެކެވެ. އެއީ މިހާރު ހުރި ޖަނަރޭޓަރުތައް ބަދަލުކޮށްގެން ނުވަތަ އާ ޖަނަރޭޓަރެއް ގެނެސްގެން ނަމަވެސް ވެހެވެ.

އޭދަފުށީގެ ކަރަންޓަށް އެކަށީގެންވާ ހައްލު ހޯދުން ދިގުދެމިގެންދަންޏާ އެކަން އިޖުތިމާއީ ވަރަށް ބޮޑު ހިތްހަމަނުޖެހުމަކަށް ވެސް ވާނެ އެވެ. ކުރިއަށް އޮތީ ރޯދަމަސް ކަމަށްވުމުން ކަރަންޓް ބޭނުންކުރާ މިންވަރު ދާނީ އިތުރުވަމުންނެވެ. މިގޮތަށް އަބަދު، ދުވާލަކު އެއް ގަޑިއިރު، ބައެއް ދުވަސްދުވަހު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ކަރަންޓް ކެނޑުމުގެ އުނދަގޫތަކާ ކުރިމަތިލާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...