ކަންވާރެއްގައި އޮޅުނު ވެލައެއް ސަލާމަތްކޮށްދިނުމުން ކުށްވެރިވެއްޖެ!

މައުލޫމާތު
ފޮޓޯ ކެޕްޝަން: މެކްސް އަދި ރޮބަޓް ކެނެޑީ ވެލާ ސަލާމަތް ކުރަނީ
ފޮޓޯ ކެޕްޝަން: މެކްސް އަދި ރޮބަޓް ކެނެޑީ ވެލާ ސަލާމަތް ކުރަނީ

އެމެރިކާގެ އަވަހާރަކޮށްލެވިފައިވާ ރައީސް ޖޯން އެފް ކެނެޑީގެ އާއިލާގެ ދެ ބޭފުޅަކު، ކަންވާރެއްގައި އޮޅިފައިވާ ވެލައެއް ސަލާމަތް ކޮށްދިނުމުން އެއީ ކުށެއް ކަމަށް އެމެރިކާގެ ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެން.އޯ.އޭ.އޭ)އިން ބުނެފިއެވެ.

އެ އިދާރާއިން ވާހަކަ ދެއްކި ޖޯން ބުލާޑް ބުނީ މެކްސް ކެނެޑީ އަދި ރޮބަޓް ކެނެޑީ އެ ވެލާ ސަލާމަތް ކޮށްދިނީ ހެޔޮ ނިޔަތުގައި ކަމަށް ވިޔަސް އެ ދެ މީހުންގެ އެ އަމަލަކީ ހަގީގަތުގައި “ނުރައްކާތެރި” އަމަލެއް ކަމަށެވެ.

“އެ ދެ މީހުން ވެސް އެ ކަންވާރުގައި އޮޅުމުގެ ފުރުސަތު އޮތް. އެ ވެލާ އަޑިއަށް ފީނައިގެންފި ނަމަ، އެ ދެ މީހުން ވެސް ސަލާމަތެއް ނުވީސް. ސަބަބަކީ ވެލައަކީ އިންސާނުންނާ ޚިލާފަށް މާގިނައިރު ކަނޑުއަޑީގައި ނޭވާ ހިފަހައްޓާލެވޭ އެއްޗެއް،” ޖޯން ބުންޏެވެ.

އޭނާ ބުނީ ކަންވާރެއްގައި ނުވަތަ ދަލެއްގައި ވެލައެއް އޮޅިފައިވާ ތަން ފެނިއްޖެ ނަމަ ރަނގަޅު ގޮތަކީ އަމިއްލައަށް އެ ވެލާ ސަލާމަތް ކުރުމުގެ ބަދަލުގައި ކަމާ ބެހޭ ތަޖުރިބާކާރެއްގެ އެހީ ހޯދުން ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...