ބ. އަތޮޅު ކައުންސިލަރުންގެ ހާޒިރީއާމެދު ކަންބޮޑުވޭ!

ބ. އަތޮޅު ކައުންސިލްގެ މެމްބަރުންގެ ތެރެއިން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު، އެންމެ މަދުން އޮފީހަށް ހާޒިރުވެ ވަޑައިގެންނެވީ ހުސައިން ޒަމީލް އާއި އިބްރާހިމް ރަޝީދު ކަމަށް ހާޒިރީ ރިޕޯޓުން ދައްކައިފި އެވެ.
ބ. އަތޮޅު ކައުންސިލް އިދާރާ އިން “އީޓީ” އަށް ފޮނުވާފައިވާ ހާޒިރީ ރިޕޯޓުގައިވާ ގޮތުން ވޭތުވެދިޔަ ފަސްމަސްދުވަހު ކައުންސިލް ހުރިހާ މެންބަރުންގެވެސް ހާޒިރީ އުޅެނީ ވަރަށް ދަށްކޮށެވެ.
އެންމެ މަދުން އޮފީހަށް ހާޒިރުވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ދެ މެމްބަރުންގެ ތެރެއިން ޒަމީލް ފުރަތަމަ ފަސްމަހުގެ ހާޒިރީ ރިޕޯޓަށް ބަލާއިރު، 102 ދުވަހު އޮފީހަށް ހާޒިރުވާންޖެހޭއިރު، އޭނާ އޮފީހަށް ވަޑައިގެންފައިވަނީ އެންމެ ތިން ދުވަހު އެވެ. 15 ދުވަހު ޒަމީލް ޗުއްޓީ ނަންގަވާފައިވާއިރު، 69 ދުވަހު އޮފީހަށް ވަޑައެއް ނުގަންނަވަ އެވެ. އަދި ސަލާމް ވިދާޅުވުމަށް ފަހު ވަޑައިނުގަންނަވަނީ އެންމެ ހަ ދުވަހު އެވެ. ރަސްމީ ބޭނުމުގައި ހޭދަކޮށްފައިވަނީ ނުވަ ދުވަހެވެ.
އަތޮޅު ކައުންސިލްގެ ހާޒިރީ ރިޕޯޓްގައިވާ ގޮތުން ތުޅާދޫ ދާއިރާއިން ކައުންސިލަށް އިންތިހާބުވި އިބްރާހިމް ރަޝީދު ހާޒިރުވެފައިވަނީ އެންމެ 24 ދުވަހުއެވެ. އަދި އޭނާ ފަސްމަހުތެރޭ 54 ދުވަހު ސަލާމް ވިދާޅުވެފައިވާއިރު ދެ ދުވަހު އަމިއްލަ ބޭނުމުގައި ރަށުބޭރުގައި އަދި ރަސްމީ ބޭނުމުގައި 22 ދުވަހު ހޭދަކޮށްފައިވާ ކަމަށްވެސް ހާޒިރީ ރިޕޯޓުން ދައްކައެވެ.
ކައުންސިލްގެ ނައިބް ރައީސް އަބްދުއްރަހްމާން އަބްދުﷲ މިދިޔަ ފަސް މަސްދުވަހުގެ ތެރޭގައި 102 ދުވަހު އޮފީހަށް ހާޒިރުވާންޖެހޭއިރު ހާޒިރުވެ ވަޑައިގެންފައިވަނީ 51 ދުވަހު އެވެ. 6 ދުވަހު ޗުއްޓީ ނަންގަވާފައިވާއިރު، 11 ދުވަހު އޮފީހަށް ވަޑައެއް ނުގަންނަވައެވެ. އަދި 17 ދުވަހު ސަލާމް ވިދާޅުވެފައިވާއިރު 14 ދުވަހު އޮފީހަށް ވަޑައިގެންފައިވަނީ ގަޑި ޖެހިގެންކަމަށް ރިޕޯޓުން ދައްކަ އެވެ. އޭނާ ރަސްމީ ބޭނުމުގައި ހޭދަކޮށްފައިވަނީ 17 ދުވަހެވެ.
ތުޅާދޫ ދާއިރާއިން ކައުންސިލަށް އިންތިޚާބުވި މުހައްމަދު އާދިލް 102 ދުވަހު ހާޒިރުވެ ވަޑައިގަންނަވަންޖެހޭއިރު ހާޒިރުވެ ވަޑައިގަތީ 51 ދުވަހު އެވެ. 8 ދުވަހު އޭނާ އޮފީހަށް ގަޑިޖެހިފައިވާއިރު، 10 ދުވަހު އޮފީހަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އޭނާ ޗުއްޓީގައި އެއްދުވަހު ހުންނެވިއިރު ސަލާމު ވިދާޅުވެފައިވަނީ 14 ދުވަހު އެވެ. އަދި އަމިއްލަ ބޭނުމުގައި ރަށުން ބޭރުގައި 7 ދުވަސް ހޭދަކޮށްފައިވާއިރު ރަސްމީ ބޭނުމުގައި 19 ދުވަހު ހުންނެވި ކަމަށް ރިޕޯޓުން ދައްކަ އެވެ.
އަބްދުލް މުއުމިން އާދަމްގެ ރިޕޯޓަށް ބަލާއިރު އަހަރުގެ ފުރަތަމަ ފަސްމަސްދުވަހު އޮފީހަށް ހާޒިރުވަޑައިގަންންވަންޖެހޭ 102 ދުވަހުގެ ތެރެއިން އޭނާ ވަޑައިގެންފައިވަނީ 58 ދުވަހު އެވެ. އޭގެ ތެރެއިން 47 ދުވަހު އޭނާ އޮފީހަށް ގަޑިޖެހިފައިވާއިރު ސަލާމުގައި 1 ދުވަސް އަދި ރަސްމީ ބޭނުމުގައި 10 ދުވަސް ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.
އޮފީހަށް އެންމެ ގިނައިން ހާޒިރުވެވަޑައިގެންފައި ވަނީ ކައުންސިލް އިދާރާގެ ރައީސް އަބޫބަކުރު އަބްދުއްރަހްމާނު އެވެ. އޭނާ 102 ދުވަހު ހާޒިރުވާން ޖެހޭއިރު ހާޒިރުވީ 63 ދުވަހު އެވެ. ބާކީ 39 ދުވަހު ހުންނެވީ ސަލާމުގަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...