އޭދަފުށި – މައުމޫންގެ 30 އަހަރުގެ ތަރައްގީގެ މިސާލެއް

ރިޕޯޓް
ބ. އޭދަފުށި
ބ. އޭދަފުށި

 

ބ. އޭދަފުއްޓަކީ ފެށުނީއްސުރެ ތަރައްގީ އާއި ތަހުޒީބުގެ ގޮތުން އެންމެ ކުރީގައި އޮތް އެއް ރަށް ކަމަށް އަބަދުވެސް ބުނެ އެވެ. ހާއްސަކޮށް މައުމޫންގެ ވެރިކަމުގެ 30 އަހަރު މި ރަށަށް އައިސްފައިވާ ތަރައްގީ އާއި ތަހުޒީބަކީ ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުން ވެސް ގަބޫލު ކުރި އަދި އެ ރަށްރަށުން ވެސް ފާހަގަކޮށްފައިވާ ތަރައްގީ އެކެވެ.

މި ދެންނެވި ތަރައްގީގެ ހެކި މިއަދު އޭދަފުއްޓަށް ޒިޔާރަތް ކުރާ ހަމަ ކޮންމެ މީހަކަށް ވެސް ފެންނާނެ އެވެ. މި ކަންކަމަކީ ޒަމާން ބަދަލުވުމަކުން ނުވަތަ ސަރުކާރު ބަދަލުވުމަކުން ފަސްލާ ފޮރުވާލެވޭނެ ކަމެއް ނޫނެވެ. ކޮންމެ ކަމެއް ހާމަ ކުރާއިރު ކަމުގެ ދެކޮޅު ހޯދާ ހަގީގަތާ އެއްގޮތަށް އެ ކަމެއް ހާމަ ކުރުމަކީ ފަހުން އަންނަން އޮތް ޖީލަށް ކަމުގެ ހަގީގަތް އެނގޭނެ ހަމައެކަނި ގޮތެވެ. މިއާ ހިލާފަށް ކަން އޮތް ގޮތާ ހިލާފަށް ކަމެއްގެ ވާހަކަ ދައްކާ ލިޔެ ހާމަ ކުރުމަކީ ކުރިމަގުގެ ޖީލުތަކަށް ކުރެވޭ ވަރަށް ބޮޑު ހިޔާނާތެކެވެ.

އޭދަފުށީގެ ތަރައްގީގެ ހަގީީގީ ބާނީ އަކީ އަލުމަރުހޫމް ޔޫސުފް ކަލޭފާނު ކަމަށް އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. އޭނަގެ ވެރިކަމުގައި މި ރަށް ވަނީ އެ ޒަމާނުގެ އެހެން ރަށްރަށަށް ގޮން ޖައްސަވާލައްވައިފަ އެވެ. ތަރައްގީ އާއި ތަހުޒީބުގެ ގޮތުން މުޅި ރާއްޖެއިން ނުފެންނަ ކިތަންމެ ކަމެއް އޭރު އަލްމަރުހޫމް ޔޫސުފް ކަލޭފާނު ކުރައްވާފައި އެބަހުއްޓެވެ. އޭނަގެ ޒައާމަތުގައި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ތަރައްގީގެ ބިންގަލުގެ މަތީގައި ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ޒައާމަތުގައި ސަރުކާރުން ވަނީ އޭދަފުއްޓަށް ހާއްސަ ސަމާލުކަމެއް ދެއްވައިފަ އެވެ.

މި ރަށުގެެ ތައުލީމީ ހާލަތަށް ބަލާއިރު އޭދަފުށި ވީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ތެރޭގައި ހިމެނިފަ އެވެ. ހަމައެކަނި ގްރޭޑް 1 އަށް އޭރު ކިޔަވައިދޭން ފެށި ތައުލީމީ މަރުކަޒު ހޯދި ތަރައްގީ އާއި ކާމިޔާބީ ވަނީ މުޅި ރާއްޖޭގެ އެހެން ސްކޫލުތަކަށް ނަމޫނާއެއް ކަމަށް ވެފަ އެވެ.

ރާއްޖޭގައި ހުރި ސަރަހައްދީ ސެކަންޑްރީ ދެ ސްކޫލު ފިޔަވައި ރާއްޖެތެރޭގައި އެންމެ ފުރަތަމަ ސާނަވީ އާއި މަތީ ސާނަވީ އަށް އަދި އެންމެ ފުރަތަމަ މުޅި ރާއްޖެއިން ވެސް އޯލެވެލުއިން އެއްވަނަ ޝަރަފު ވެސް އެ ސްކޫލު ވަނީ ހޯދައިފަ އެވެ. އަދި އެންމެ ފުރަތަމަ ތިން ސްޓްރީމަށް ކިޔަވައިދޭން ފެށުނު އަދި އެންމެ ފުރަތަމަ ވަކި ބަޖެޓެއް ދެއްވައިގެން ހިންގަން ފެށި މި ސްކޫލު މިއަދު މި ވަނީ ރާއްޖޭގައި ހުރި އެންމެ ވަސީލަތްތައް ގިނަ ފެންވަރު ރަނގަޅު މުދައްރިސުން ތިބި، އިމާރާތުގެ ގޮތުން ތަނަވަސް، ގިނަ މުވައްޒަފުންތަކަކަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެފައިވާ ސްކޫލަށް ވެފަ އެވެ.

eyd6

ސިއްހީ ގޮތުން ބަލާއިރު ރައީސް މައުމޫންގެ ވެރިކަމުގައި މި ހިދުމަތުގެ ތަރައްގީ ވެފައި ވަނީ ސަރަހައްދީ ހޮސްޕިޓަލުތަކުގެ ފެންވަރާ ގާތްކޮށްފަ އެވެެ. އޮޕަރޭޝަން ކުރުމާއި، ސްކޭން ކުރުމާއި އެކްސް-ރޭ ފަދަ އަތޮޅު ހޮސްޕިޓަލަކުން ލިބެންހުންނަ ހުރިހާ ހިދުމަތްތައް ރަށުގައި ތިބެގެން މިއަދު ހޯދެ އެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި އެފަދަ އެހެނިހެން ޓެކްނިކަލު މުވައްޒަފުން ލެވި ހިދުމަތް ފުޅާކުރެވިފައި ވެ އެވެ. އަތޮޅު ހޮސްޕިޓަލުގެ ހިދުމަތް ފުޅާވުމުގެ ސަބަބުން ރަށުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެން ގޮސްފައި ވެ އެވެ.

މުވާސަލާތީ ހިދުމަތަކީ އޭދަފުއްޓަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ލިބުނު ހިދުމަތެއް ކަމަށް ފާހަގަކޮށްލަން ޖެހެ އެވެ. އޭދަފުއްޓަށް ވުރެ އާބާދީ މާ ބޮޑެތި ރަށްރަށުގައި ވެސް ގޭގެ އަށް ފޯނު އަދި އިންޓަނެޓްގެ ހިދުމަތް ނުދެވި އޭދަފުއްޓަށް މި ހިދުމަތް ލިބުނު ކަމީ އެހެން ރަށްރަށުގެ މީހުން އެ ކަމުގެ ޝަކުވާ ސަރުކާރަށް އުފުލިގެން ދިޔަ ކަމެކެވެ.

މީގެ އިތުރުން ރާއްޖެތެރޭގައި ހިދުމަތް ދޭން ފެށި ސްޓެލްކޯގެ ކަރަންޓްގެ ހިދުމަތް ވަރަށް ރަނގަޅު ފެންވަރެއްގައި މި ރަށަށް ދޭން ފެށީ ވެސް މި ރަށަށް ވުރެ ބޮޑެތި ރަށްރަށް ފަހަތަށް ޖައްސާލައިފަ އެވެ.

ޒަމާނީ ފެންވަރުގެ ބަނދަރެއްގެ ހިދުމަތް ލިބި، އެ ބަނދަރު ސުނާމީ ކާރިސާގައި ހަލާކުވުމުން އެ އަށް ވުރެ މާ ފުރިހަމަ ބަނދަރެއް އަވަސް މުއްދަތެއްގެ ތެރޭގައި ހަދައި ނިންމަވާފައި ވަނީ މި ފަދަ މާ ހާލު ބޮޑު ރަށްރަށަށް މި ހިދުމަތް ފޯރުކޮށްދިނުން ފަސްކޮށްފަ އެވެ.

ގިނަ އަތޮޅުތަކަށްވުރެ ކުރިން ޕޮލިސް ސްޓޭޝަން، މީޑިޔާ ސެންޓަރު، ޒުވާނުންގެ މަރުކަޒު، މަލްޓީޕާޕަސް ބިލްޑިން، ދަނާލު، ޕޯސްޓް އޮފީސް، ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު، ދިރާގު އޮޕަރޭޝަންސް ސެންޓަރ، އެސްޓީއޯ ފިހާރަ ފަދަ ތަންތަނުގެ ހިދުމަތް އެހެން އަތޮޅުތަކަށް ވުރެ ބޮޑަށް ސަރުކާރުން އޭދަފުއްޓަށް އިސްކަން ދެއްވައިގެން މި ހިދުމަތްތައް މި ރަށަށް ފޯރުކޮށްދެއްވާފައި ވާތީ މި ކަން އެހެން އަތޮޅުތަކުން ފާހަގަކޮށް އެ ވާހަކަ ދައްކާ އަޑު އަޅުގަނޑު ވެސް އަހަމެވެ.

މައުމޫން ވެރިކަމުގެ 30 އަހަރު އޭރުގެ ސަރުކާރުގެ އިއްޒަތްތެރިންނާއި އަދި ރާއްޖޭގެ އެންމެ މަތީވެރިޔާ ގިނަ ފަހަރުތަކެއްގައި މި ރަށަށް ޒިޔާރަތް ކުރައްވާ އެ ވަގުތަކު މި ރަށަށް ބޭނުންވާ މުހިއްމު ކަންކަން ކޮށްދެއްވުމުގައި އިސްކަން ދެއްވާ ކަމީ މިއަދު އޭދަފުށި މި ދެކޭ ތަރައްގީގެ ވަރަށް ބޮޑު ހެއްކެކެވެ.

އޭދަފުށީ ރައްޔިތުން އިސްނަގައިގެން އޭދަފުށީގައި ކުރައްވާފައިވާ ބޮޑެތި މަސައްކަތްތަކަށް ސަރުކާރުން ވަރަށް ބޮޑެތި އެހީތަކެއް ވެދެއްވާފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެ އެވެ. އެ ގޮތުން މި ރަށު ރައްޔިތުންގެ ވަރަށް އަގުހުރި މަސައްކަތެއް ކަމަށް ވާ އޭދަފުށީ ހުކުރު މިސްކިތް އިމާރާތް ކުރުމަށާއި، 1998 ވަނަ އަހަރު މި ރަށުގެ މަގުފާރުތައް ”ހުދު” ކުރުމަށް ސަރުކާރުން ދެއްވި ބޮޑު އެހީ އާއި، ފޭލި ޖަމިއްޔާއިން އިމާރާތް ކުރި ބަހިއްޔާ ޕްރީސްކޫލަށް ވޭތުވެދިޔަ ސަރުކާރުން ވެދެއްވި އެހީ އާއި ފާލަމަށާއި ބަހިއްޔާ ޕްރީސްކޫލު ހިންގުމަށް ސަރުކާރުން ދެއްވި އެހީ އަކީ ވެސް މިއަދު ފާހަގަ ކޮށްލަން ޖެހޭނެ ކަމެކެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގެ ދަށުން ހިންގި ހިއުމަން ޑިވެލޮމްމަންޓް ޕްރޮޖެކްޓްގެ ދަށުން އޭދަފުށީގެ ތަރައްގީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ މައުމޫން ސަރުކާރުގެ ހިއްސާ އޭގެ ތެރޭގައި ވަރަށް ބޮޑަށް އޮވެގެން ދެވިފައިވާ އެހީތަކެކެވެ

މަތީގައި ބަޔާންކޮށްލެވިފައި އެ ވަނީ އަޅުގަޑުމެންނަށް ސީދާ ފެންނަން ހުރި ތަރައްގީގެ ހެކިތަކެކެވެ. މީގެ އިތުރުން ނުސީދާކޮށް އޭދަފުށީގެ ތަރައްގީ އަށް ލިބިފައިވާ ހިދުމަތުގެ އަގު ކިހާ ހިސާބަކަށް އަގުކޮށްލެވިދާނެތޯ ސުވާލު ކޮށްލެވިދާނެ އެވެ.

ނިކަން ބުނެލަބަލާށެވެ؟ މިހާރު އޭދަފުށީގެ ހާލަތަށް ވިސްނާ ލިޔާނީ ކޮން އެއްޗެއްތޯ؟ ރަށުގެ ތަރައްގީ އަށް ރައްޔިތުން ކުރާ ކަންތައްތަކަކީ ކޮބައިތޯ؟ ރައީސް މައުމޫންގެ ވެރިކަން ބަދަލުވިފަހުން މި ރަށުގައި ގާއިމުކުރެވުނު ނަރުދަމާގެ ހިދުމަތާއި ދަނާލުގެ ހިދުމަތް ފަދަ ކަންކަމަކީ ކޮން ސަރުކާރެއްގެ ދީލަތިފުޅުން އޭދަފުއްޓަށް ލިބިގެންދިޔަ ހިދުމަތްތަކެއްތޯ؟

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...