އޭދަފުށި ތަރައްގީވެފައިވަނީ ރައްޔިތުންގެ ބުރަ މަސައްކަތުން

”އޭދަފުށްޓަކީ މާލެ ފިޔަވައި ރާއްޖޭގެ ނަމޫނާ ރަށެވެ.” މިއީ ރައީސް މައުމޫނު ވެރިކަމާ ޙަވާލުވެވަޑައިގެން ދެތިން މަހެއްގައި ތެރޭގައި އޭދަފުށްޓަށް ވަޑައިގެން ބ. އަތޮޅު ކޮމިޔުނިޓީ ސްކޫލްގައި ބޭއްވި ޖަލްސާގައި ވިދާޅުވި ޢިބާރާތެކެވެ.
އޭރު އޭދަފުށި ވަނީ ރާއްޖެތެރޭގެ ރަށްތަކުގެ ލިސްޓުން ވަރަށް ކުރީގަ އެވެ. މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑަށް ތަރައްގީކުރެވިފައިވާ ރަށަކީ އޭދަފުށްޓޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ސަބަބަކީ މިރަށުގެ ތާހިރުކަމާއި މަގުތައް ހެދިފައިވާލެއް ރީތިކަމެވެ. އިމާރާތްތައް ބޮޑެތިކަމާއި ގިނަ އިމާރާތްތައް ރާނާ އުވަޖަހާފައިވުމެވެ.
ކޮންމެއަކަސް އޭދަފުށި މިދެންނެވި ރޮނގުން ތަރައްޤީ ކުރެވިފައިވަނީ އޭދަފުށީގެ ހީވާގި ރައްޔިތުންގެ އެއްބާރުލުމާއި އޭދަފުށީގައި އުފަންވި އޭދަފުށިދެކެ ލޯބިވާ ދަރިއެއްގެ ލާމަސީލު ޚިދްމަތުންނެވެ. އޭދަފުއްޓަށް އައިސްފައިވާ ތަރައްޤީއަކީ މީގެ ސާޅީހަކަށް އަހަރު ކުރީގައިވެސް އައިސްފައިވާ ތަރައްގީއެކޭ ދެންނެވިދާނެއެވެ. އޭދަފުށްޓަކީ ސަރުކާރުގެ އެހީ އެރަށް ތަރައްޤީކުރުމަށްޓަކާ މާބޮޑަށް ލިބިފައިވާ ރަށެއްނޫނެވެ. އޭރު އޭދަފުށީގެ ގިނަ މަގުތަކުގެ ފާރުތައްވަނީ ރާނާ ނިމިފައެވެ. އެއީ އޭދަފުށީގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުންނެވެ. އެރަށުގެ އިމާރާތްތައް ހަދާފައިވަނީ ރީތިކޮންނެވެ. ވަރަށްމަދު ގެއެއްގައި ނޫނީ ރާނާ އުވަޖަހާ ޓިނުން ހިޔާކޮށްފައިވެއެވެ. އެމަސައްކަތް އެގޮތަށް ކޮށްފައިވަނީ ރައްޔިތުންގެ އިމާރާތްތައް ރައްޔިތުންގެ އަމިއްލަ މަސައްކަތުންނެވެ.
އޭދަފުށީ މަދުރަސަތުލް ބަހިއްޔާއަކީ 65 އަހަރުވެފައިވާ މަދުރަސާއެކެވެ. އޭދަފުއްޓަށް ލިބިފައިވާ ތަރައްގީގެ އެންމެ މުހިއްމުބައެއް ހިއްސާކުރާނީ މިމަދަރުސާއޭ ދެންނެވުމަކީ ތެދު ހަގީގަތެކެވެ. އޭދަފުށީގެ އިތުރުން އަތޮޅުގެ ކުރިއަށް ތިއްބެވި އެތައް ބޭފުޅުންނެއް ތަޢުލީމީ މަންހަޖު ފުރިހަމަ ކޮށްފައިވަނީ މި ފަޚުރުވެރި މަދަރުސާއިންނެވެ. ކިޔަވައިދިނީ ކުދިން އަތުން ފީނަގައިގެންނެވެ. އޭދަފުށީ ރައްޔިތުން ތަޢުލީމަށްދެއްވި އަހައްމިއްޔަތެއްގެ ސަބަބުން ޔުނެސްކޯގައި ޔޫއެންޑީޕީ ގެ އެހީއާއިއެކު ފެށި މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި ތައްޔާރުކުރެވުނު ކޮމިއުނިޓީ ސްކޫލުތަކުގެ ތެރެއިން ފުރަތަމަ ތައްޔާރުކުރެވުނު ކޮމިއުނިޓީސްކޫލް ހުޅުވުމުގެ ފަޚުރާއި ޝަރަފްހޯދީ ހަމަ އޭދަފުށްޓެވެ. މިއީ މީގެ ރާއްޖެތެރޭގައި ހުޅުވާފައިވާ ސަރުކާރުގެ ހަމައެކަނި ސްކޫލެވެ. ނިކަން ބައްލަވާށެވެ. އޭގެ ފަހުން އެއްވެސް ސްކޫލެއް އޭދަފުށީގައި އަޅާފައި އެބަހުރިތޯއެވެ. ކުރިން ލިބިފައިވާ ފަޚުރުވެރި 1 ވަނަތައް އޭދަފުށްޓަށް ލިބިފައި އެބަހުރިތޯއެވެ. ރާއްޖެތެރޭގެ ސްކޫލުތަކުގައި ގްރޭޑް 8 އުފެއްދިއިރު އޭދަފުއްޓަށް ލައްވާލާވަރުވީ އެތައް އަހަރެއްފަހުންނެވެ. ސެކަންޑަރީ ސްކޫލްތައް އުތުރާއި ދެކުނުގައި އަޅާފައިވާއިރު އަދިވެސް އޭދަފުށީގައި ސެކަންޑަރީ ސްކޫލެއް އެޅޭވަރެއް ނުވެއެވެ. މިހާރު ކުޅުދުއްފުށީގައާއި ހިތަދޫގައި ސެކަންޑަރީ ސްކޫލްތައް އަޅާފައި އެބަހުއްޓެވެ.
އޭދަފުށްޓަށް އެންމެ ބޮޑު ތަރައްޤީއެއް ލިބިގެން ދިޔައީ މީގެ ފަންސާހަކަށް އަހަރު ކުރިން ބ. އަތޮޅުގެ ވެރިކަން އޭދަފުށްޓަށް ބަދަލުކުރުމުންނެވެ. އޭގެ ކުރިން ވެރިކަން ކުރަމުން ގެންދިޔައީ ދަރަވަންދޫގައެވެ. ދަރަވަންދޫ މީހުން މިހާރުވެސް އެންމެ ވާދަވެރި ކަމެއްގެ ގޮތުގައި ފާހަގަ ކުރާ ކަމަކީ، ވެރިކަން އޭދަފުށްޓަށް ބަދަލުކުރި ކަމެވެ. މި ޚިޔާލަކީ އެބޭކަލަކަށްޓަކައި މުޅި އޭދަފުށި ވެސް ފަޚުރުވެރިވާ އަލްމަރުޙޫމް ޔޫސުފްކަލޭގެފާނުގެ ޚިޔާލެކެވެ. އޭނާގެ ޙިކްމަތު ޢަމަލީގެ މޮޅުކަމެވެ. އޭނާއަށް އަތޮޅުވެރިކަން ދޭންއުޅުމުން އޭނާ ކާންބޯން މަސައްކަތްކުރާ ރަށަށް ވެރިކަން ބަދަލުކުރަން ފާޅު ކުރެއްވި ޚިޔާލުގެ ނަތީޖާއެވެ.
އޭދަފުށީގައި ޞިއްޙީ ޚިދްމަތް ދިނުމަށްޓަކައި ބ.އަތޮޅު ހެލްތުސެންޓަރ ހުޅުވުނީ މީގެ 45 އަހަރު ކުރިންނެވެ. ރާއްޖެތެރޭގައި ސަރަހައްދީ ހޮސްޕިޓަލްތައް އުތުރުގައި އުނގޫފާރާއި ކުޅުދުއްފުށީގައި ހުޅުވުނުއިރު މިއިން އެއްވެސް ސަރަހައްދަކުން އޭދަފުށްޓަށް ލައްވާލާ ވަރެއްނުވިއެވެ. މިހާރު އޭދަފުށީގައި ހުރި ހޮސްޕިޓަލަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބުރުޖަހަމުންގޮސް އަތޮޅުވެރިކަން ކުރާ ރަށަށްވާތީ ނަންބޯޑު ބަދަލުކޮށް ހުޅުވާފައިވާ ހޮސްޕިޓަލެކެވެ. ދެވޭ ޚިދްމަތުގެ ފެންވަރު ހެލްތުސެންޓަރެކޭ އެއްވަރެވެ.
އޭދަފުށީގައި ކަރަންޓްލީ މީގެ 42 އަހަރުކުރިން ރައްޔިތުންގެ ބުރަ މަސައްކަތުން ރައްޔިތުން އަމިއްލައަށެވެ. މިއީ މުޅި ރާއްޖޭގައިވެސް އެންމެ ފުރަތަމަ ކަރަންޓްލީ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އޭދަފުށީގައި ކަރަންޓްގެ ޚިދްމަތް ފެއްޓުމުގެ ޚިޔާލަކީ ވެސް އަލްމަރުޙޫމް ޔޫސުފްކަލޭގެފާނުގެ ޚިޔާލެކެވެ. ނަމަވެސް ކަރަންޓްގެ އަލިން އޭދަފުށި ދިއްލާލެވުނީ އެކަލޭގެފާނު މިދުނިޔެއާ ވަކިވެ ވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއްގެ ފަހުންނެވެ. ރައްޔިތުންގެ އަމިއްލަ 16 ކިލޯވޯޓްގެ އިންޖީނަކުން އެދުވަސްވަރު ދިއްލުމަށް ބޭނުންވާ އެންމެންނަށް އެޚިދްމަތް ވަރަށް ފުރިހަމައަށްވަނީ ފޯރުކޮށްދީފައެވެ. މިހާރު ޖަޕާނު ސަރުކާރުގެ އެހީގައި އެތަންވަނީ އިތުރަށް ތަރައްގީކުރެވިފައެވެ.
އޭދަފުށީގެ މަލަމަތި އެންމެ ރީތިކޮށް ދައްކައިދޭ އޭދަފުށި ހުކުރުމިސްކިތުގެ ހުރިހާ މަސައްކަތެއްކުރީ އޭދަފުށީ ރައްޔިތުންގެ ދާ އޮހޮރުވައިގެންނެވެ. މިސްކިތް ރާނާ ސިމެންތިޖަހާ ކުލަލާ ހުރިހާ ޒީނަތްތެރިކަމެއް ގެނެސްފައިވަނީ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ރައްޔިތުންގެ ބުރަމަސައްކަތުންނެވެ. އެތައްދުވަހެއްވަންދެން މަހަށް ފަރަށްނުގޮސް ރައްޔިތުން ރަށުބަންދުގައި ތިބެގެންނެވެ. މިފެންވަރުގެ މިކަހަލަ ރީތި މިސްކިތެއް އުތުރުގެ އެއްވެސް ރަށެއްގައި ހުރިކަމެއް އެގިފައެއްނެތެވެ.

އޭދަފުށީގެ ބަނދަރުހަދާފައިވަނީވެސް އޭދަފުށީގެ ހީވާގި ރައްޔިތުންގެ ބުރަމަސައްކަތުންނެވެ. އޭދަފުށީގެ 3 އަވަށު މީހުން މަހަށްފަރަށްނުގޮސް ބަނދަރުހަދާ ނިންމާލީ ވަރަށް އެކުވެރި ވަރަށްވާދަވެރި މާހައުލެއްގައެވެ. 2004 ވަނަ އަހަރު އެރި ސުނާމީގައި ބަނދަރުގެ ވަރަށްބޮޑު ބައެއް ހަލާކުވެ ބޭރު އެހީގައި އެ ބަދަރަށްވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްދީފަ އެވެ. އޭދަފުށީގެ ބޭރުތޮށި ލާފައިވަނީ ހަމަ އޭދަފުށްޓަށް އުފަން އޭދަފުށީގެ ދަރިއެކެވެ.
ފަހަކަށްއައިސް އެރަށުގައި ފާހަގަކޮށްލެވޭ ކަހަލަ މުހިންމުކަމެއް ކުރެވިފައެއް ނެތެވެ. މައާފް ކުރެއްވުން އެދެމެވެ. މޭޒެއްގެ މަތީގައި ބަހައްޓާފައިވާ މާޖަހާ އެއްޗަށްވެސް ގެންނަންޖެހޭ ބަދަލުތަކެއް ހުރެއެވެ. އެއީ މޯޅިވެފައިވާ މާތައްނަގާ ތާޒާ މާތަކުން އެމާޖަހާއެތި ފަޅުފިލުވުމެވެ. އާފާޑުފާޑުގެ މާލިބިއްޖެ ހިނދެއްގައި އެމާތަކަށްޓަކާ އެމާޖަހާ އެތިން ކުރީގެ މާތައް ބަދަލުކުރުމެވެ. މިގޮތުން އޭދަފުއްޓަށްވެސް ޒަމާނާ އެކަށީގެންވާ ބަދަލު ނާދެއެކޭ އަޅުގަނޑު ނުދަންނަވަމެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި އޭދަފުށީގެތަރައްޤީއަށް އެކަހަލަ މަސައްކަތެއް ކުރެވިފައި އެބަހުރިތޯއެވެ. ހުރިހާ ރައްޔިތުން އެއްބައިވެ މަސައްކަތެއް ނުކުރާތާ ކިހާ ދުވަހެއް ވެއްޖެތޯއެވެ. ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލު އަހައި ރައްޔިތުންގޮވައިގެން މަސައްކަތްކުރާނޭ އިސްމީހަކު މިހާރަކު އޭދަފުށްޓަކު ނެތެވެ. އެކަހަލަ މަންޒަރެއް މީގެ 9 އަހަރުކުރިން އަޅުގަނޑަށްވެސްވަނީ ފެނިފައެވެ. ސުނާމީ ކާރިސާ ހިނގައި މުޅިރަށުގައި ކުނިބުނިގިނަވެ ދެ ދުވަސްވީއިރުވެސް ރައްޔިތުންއެއްކޮށްލާނޭ ވެރިއަކު އޭދަފުށްޓަކުން ނުވިއެވެ. އަމިއްލަގޮތުން ހައެއްކަމީހުން އިސްނަގައިގެން ނުކުމެ ރައްޔިތުންއެއްކޮށް ވާހަކަދައްކާ ހަދާލުމުން އިސާހިތަކު ރައްޔިތުންނުކުމެ ވަރަށްފޯރީގައި މަސައްކަތްފެށިއެވެ.
އަހަރެމެންނަށް އަބަދުވެސް މިދެއްކެނީ އޭދަފުށީގެ ތަރައްޤީގެ ވާހަކައެވެ. އޭދަފުށީގެ ރީތި ވާހަކައެވެ. އެވާހަކަ ދައްކަދައްކާ ތިބޭތާ މިހާރު އެތައް ދުވަހެއްވެސް ވެއްޖެއެވެ. ހަމައެއާއެކު ބައެއް ރަށްރަށް ތަރައްޤީގެ ގޮތުން އާއުސްމިންތަކެއް ޙާޞިލްކޮށްފިއެވެ. އެހެންއެވީ އޭދަފުށްޓަށް އިތުރުތަރައްޤީއެއް ބޭނުންނުވާކަމަށް ދެކެންފެށުމެވެ. ގިނަކަންކަން ޙާޞިލްކުރުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރާނޭ މީހުން ނެތުމުންނެވެ.
އޭދަފުށީގެ ޒުވާން ޖީލު މިހާރު ވިސްނަންވީ އޭދަފުށްޓަކީ ވަކިބަޔަކު ކުރިއެރުވި ރަށެއް ނޫންކަމެވެ. ޚާއްޞައެހީތަކެއް ލިބިގެން ކުރިއަރައިގެންދިޔަ ރަށެއް ނޫންކަމެވެ. މާއިސްކަމެއް ބަހައްޓައިގެން ކުރިއަރައިގެންދިޔަ ރަށެއް ނޫންކަމެވެ. ރަށުގެ ހީވާގި ރައްޔިތުންގެ ބުރަ މަސައްކަތުން ކުރިއަރައިގެންދިޔަ ރަށެއްކަމެވެ. އެ ރަންވަނަ ތިޔަ ޒުވާނުން ދުނިޔެއަށް އައިއިރުވެސް އޭދަފުށި ވަނީ ޙާޞިލް ކޮށްފައެވެ. އެވަނަ އަނބުރާ ހޯދުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރާން ޖެހެއެވެ.
ނިކަން ބުނެބަލާށެވެ. މިހާރުވެސް ރާއްޖޭގެ އެއްވަނަ ރަށެއްގެ ގޮތުގައި އޭދަފުށި ހަމަ ޤަބޫލުކުރާނަން ހެއްޔެވެ؟ އެންމެ ތަރައްޤީވެފައިވާ އެންމެ ރީތި ރަށަކީ އޭދަފުށިކަމުގައި ޤަބޫލު ކުރާނަން ހެއްޔެވެ؟
[ނޯޓް: މިއީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި މުދައްރިސް ބ. އޭދަފުށީ ޕޭންޓްލޭންޑް މުހަންމަދު ވަޖީހު ކުރިން އީޓީ އަށް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. ]
ކޮމެންޓްސް (0)
ލޯޑް ކުރަނީ...