އޭދަފުއްޓަށް ކުރިއެރުން ލިބުމުގައި މައުމޫންގެ ހިއްސާ ބޮޑު

އޭދަފުއްޓަކީ މުޅި ރާއްޖެ އަށް ވެސް މުހިންމު ރަށެކެވެ. މިއީ ހަގީގަތެކެވެ. އެކަމާ އަހަރެމެން ރަށު މީހުން (އޭދަފުށީ މީހުން) ފަހަރުވެރިވަމެވެ. އަހަރެމެންގެ ރަށަށް ލިބިފައިވާ ބޮޑެތި ކުރިއެރުމަކީ އެހެން ރަށްރަށަށް ލިބިފައި ނުވާ ފަދަ ކުރިއެރުމެކެވެ.
މި ރަށަކީ އަހަރެމެން އެންމެން ވެސް ބުނާ ފަދައިން “ކުޑަ މާލެ” އެވެ. މާނައަކީ ރަށެއްގެ ނިސްބަތުން ބޮޑެތި ތަރައްގީތަކެއް ހާސިލްކޮށްފައިވާ ރަށެކެވެ. މި ސަބަބަށް ޓަކައި، މިއީ، ކިހިނެއް ކޮން ގޮތަކަށް އައި ކުރިއެރުމެއްކަން ކޮންމެ މީހަކު ވެސް ވިސްނާލަން އެބަޖެހެ އެވެ. އެންމެ ފުރަތަމަ ރަށް އޮތް ހާލަތެވެ. އެއަށް ފަހު ރަށް، ރަށެއްގެ ގޮތުގައި ތަރައްގީވި ގޮތެވެ.
އަހަރެންގެ އުމުރުން މިހާރު 55 އަހަރަށް އަރާފައިވާއިރު ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރީ ރަށުގަ އެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް މި ރަށަށް އައި ކުރިއެރުން ލޮލުން ދެކެ އަތުން ހިފީމެވެ. އެންމެ ފުރަތަމަ މި ރަށުގައި ދިރިއުޅެމުން އައި އުނދަގޫތައް އަޅުގަނޑު ތަހަންމަލު ކުރަމުން ދިޔައީމެވެ. ކާނެ ބޯނެ ގޮތެއްނެތިގެން އުޅުނު ހަނދާން އެބަހުއްޓެވެ. މާލޭގައި ދަރިން ތިބި އިރު ވާހަކައެއް ބުނެލާނެ ގޮތެއް ނެތިގެން އުޅުނު ހަނދާން އެބަހުއްޓެވެ. ހަމައެއާ އެކު، ރަށަށް އެންމެ ފުރަތަމަ ފޯނު ލައިގެން އަތޮޅު އޮފީހުގައި އެތައް ގަޑިއިރަކު ވެއިޓިންގައި އިން ހަނދާން ވެސް އެބަހުއްޓެވެ. އަހަރެމެންގެ ދަރިން ލާރިއެއް ނެތިގެން ހަކުރުމެޓާ ވިއްކައިގެން، ނާށި ގޯނި އެއްކޮށްގެން، މުށިމަހުގައި ލޮނު އަޅައިގެން ބަސްތާ ހަދައިގެން މާލެ ފޮނުވައިގެން ފައިސާ ހޯދި ހަނދާން އެބަހުއްޓެވެ. މާލެ އަންނަ ދޯނިފަހަރަށް ވާނުވާ ނޭނގިގެން ގޮތް ހުސްވެ، ހިތް އަތަށް ލައިގެން ތިބި ހަނދާން އެބަހުއްޓެވެ. މިއީ، ހަމަގައިމު ވެސް އޭދަފުށީގެ، ފަހަރެއްގައި އެހެން ވެސް ބައެއް ރަށްރަށުގެ ހާލަތެވެ. މި ވާހަކަތައް ވަރަށް ދިގުކޮށް ލިޔެވިދާނެ އެވެ. ކައިގެން ބޯނެ އެއްޗެއް ނެތިގެން ކަޅު ސައި ތައްޓެއްބޮއިގެން، އަދި އެވަރު ވެސް ނުވެގެން ތިބި އާއިލާތައް ދުށީމެވެ. މި ވާހަކަތައް ދެން އިތުރަށް ދެއްކުމުގެ ބޭނުމެއް ނެތެވެ. މިހާރުގެ ޒުވާނުންނަށް ފަހަރެއްގައި މިކަން ނޭނގި ހިނގައިދާނެ އެވެ.
އޭދަފުއްޓަށް ކުރިއެރުން އައުމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ހިއްސާ ވަރަށް ބޮޑެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ރަން ތިރީސް އަހަރުގައި ވަނީ މި އަތޮޅަށް، ހާއްސަކޮށް އޭދަފުއްޓަށް ވަރަށް ބޮޑު އަޅާލުމެއް އަޅާލައްވައިފަ އެވެ. ރާއްޖޭގެ ތަރައްގީގެ އެއްވެސް މަޝްރޫއެއް މައުމޫނަށް އެނގިވަޑައިނުގެން ނުހިނގާނޭ ބުނާތީ އަހަމެވެ. އެހެން ކަމަށް ވަންޏާ އޭދަފުއްޓަށް ލިބިފައިވާތަރައްގީ އަކީ މައުމޫނަށް އެނގިވަޑައިގަންނަވާނެ ކަންތައްތަކެވެ. މި ރަށަށް ހާއްސަ ސަމާލުކަމެއް އެމަނިކުފާނު ދެއްވާފައިވެއޭ އަޅުގަނޑު މި ދަންނަވަނީ މި ރަށުގައި ހާއްސަ ކަންތައްތަކެއް ހުރީމަ އެވެ.
މި ރަށަށް އައި އެންމެ ބޮޑު ތަރައްގީ އަކީ މި ރަށުގައި ނެތް އެއްވެސް ވަސީލަތެއް ނެތުމެވެ. ތެދެކެވެ. އެއްވެސް ރަށަކީ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވާނެ ރަށެއް ނޫނެވެ. އެއީ ރާއްޖެ ކަހަލަ ގައުމެއްގައި ކިތަންމެ ފުރިހަމަ ސަރުކާރެއް އޮތަސް ނުވާނެ ކަމެކެވެ. އަހަރެމެން ރަށުގައިނެތީ ކޮން އެއްޗެއްތޯ އެވެ؟ ހޮސްޕިޓަލް، ސްކޫލު، ބެންކު، ޓެލެފޯނު މިހެން ގޮސް އަސާސީ ހުރިހާ ވަސީލަތެއް އެބަހުއްޓެވެ. ބޭނުންއިރަކު ރަށަށް ދެވެން އެބައޮތެވެ. މިކަހަލަ އެހެން ރަށެއް ރާއްޖޭގައި މަދުވާނެ އެވެ. މިއީ، ދެން ވޯޓު ދޭއިރު އަޅުގަނޑުމެން ވިސްނާލަން ޖެހޭނެ ކަމެކެވެ. ގޭގެއަށް ފޯނު ލައިފައި ހުރީ ރާއްޖޭގެ މަދު ރަށެއްގަ އެވެ. އޭދަފުއްޓަކީ އާބާދީ ގޮތުން ބަލާއިރު ގޭގެއަށް ފޯނު ލާން ޖޭހެ ވެސް ރަށެއް ނޫނެވެ. ހަމައެއާ އެކު ސަރުކާރުގެ ވަރަށް ގިނަ ބޮޑެތި ބައްދަލުވުންތައް ސީދާ އޭދަފުށީގައި ބޭއްވުމުގެ ސަބަބުން މި ރަށަށް އައި ކުރިއެރުމަކީ ވެސް ހެއްކެކެވެ.
މައުމޫނުގެ ސަރުކާރު އަޅުގަނޑަށް ފެނުނީ ބ. އަތޮޅަށް، ހާއްސަކޮށް އޭދަފުއްޓަށް ގާތްގުޅުމެއް ބޭއްވެވި ސަރުކާރެއްގެ ގޮތުގަ އެވެ. އެ ސަރުކާރުގެ ވަޒީރުންނަކީ ބ. އަތޮޅު ދެކެ ލޯބިވާ ވަޒީރުންނެވެ. މިއީ ހަގީގަތެވެ. ހަގީގަތް ބަދަލެއް ނުކުރެވޭނެ އެވެ.
(ނޯޓް: މިއީ ކިޔުންތެރިއަކު އީޓީ އަށް ފޮނުވާފައިވާ ލިޔުމެކެވެ. ލިޔުން އީމެއިލު ކުރެއްވި ފަރާތުން އެދެނީ ނަން ނުޖެހުމަށެވެ. އީޓީ އަށް ތިޔަ ބޭފުޅުންގެ ލިޔުންތައް މެއިލުކުރައްވާނީ [email protected] އަށެވެ)
ކޮމެންޓްސް (0)
ލޯޑް ކުރަނީ...