ވިސްނާ ފިކުރުކުރުމުން އެނގެނީ . . .

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ދެފަހަރެއްގެ މަތިން ބޭއްވުމުންވެސް އެނގި، ހާމަވަމުންދަނީ އޭދަފުށިން، އިދިކޮޅު ކެންޑިޑޭޓުންނަށްވުރެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރި ހޯއްދަވަމުން ގެންދަވާ މަންޒަރެވެ.
ސެޕްޓެމްބަރ 7 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި އޭދަފުށިން، ޞައްޙަ ވޯޓުގެ ގޮތުގައި 1471 ވޯޓު ހިމެނިފައިވާއިރު، އެމްޑީޕީއަށް 491 ވޯޓު ( 33 އިންސައްތަ ) ލިބިފައި ވެއެވެ. އިދިކޮޅު ކެންޑިޑޭޓުންނަށް 980 ވޯޓު ( 67 އިންސައްތަ ) ލިބިފައި ވެއެވެ.
ނޮވެމްބަރ 9 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޭދަފުށިން، ޞައްޙަ ވޯޓުގެ ގޮތުގައި ބެލެވުނު 1432 ވޯޓުގެ ތެރެއިން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް 488 ވޯޓު ( 34 އިންސައްތަ ) ލިބުނުއިރު، އިދިކޮޅު ކެންޑިޑޭޓުންނަށް 944 ވޯޓު ( 66 އިންސައްތަ ) ލިބުމުންވެސް 1 އިންސައްތައިގެ ކުރިއެރުމެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޯއްދަވާފައި ވެއެވެ.
އިންތިޚާބު ބޭއްވުނު ދެބުރަށް ބަލާއިރު، އެމްޑީޕީއަށް 7 ސެޕްޓެމްބަރުގައި އޭދަފުށިން 491 ވޯޓު ލިބުނުއިރު، 9 ނޮވެމްބަރުގައި 488 ވޯޓު ލިބިފައި ވެއެވެ. އެއީ ކުރީފަހަރަށްވުރެ 3 ވޯޓު މަދު ޢަދަދެކެވެ. އިދިކޮޅު ކެންޑިޑޭޓުންނަށް 7 ސެޕްޓެމްބަރުގައި 980 ވޯޓު ލިބުނުއިރު، 9 ނޮވެމްބަރުގައި ލިބުނީ 944 ވޯޓެވެ. އެއީ 7 ސެޕްޓެމްބަރުގައި ލިބުނު ވޯޓަށްވުރެ 36 ވޯޓު މަދު ޢަދަދެކެވެ. މިކަމުންވެސް އެނގި ހާމަވަމުން މިދަނީ، އޭދަފުށިން އެމްޑީޕީ ހޯދަމުން އަންނަ ކުރިއެރުމެވެ.
މުޅި ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 7 ސެޕްޓެމްބަރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް 95224 ވޯޓު ( 45 އިންސައްތަ ) ލިބުނުއިރު، އިދިކޮޅު ކެންޑިޑޭޓުންނަށް 114271 ވޯޓު ( 55 އިންސައްތަ ) ލިބިފައިވެއެވެ.
ނޮވެމްބަރު 9 ގައި ބޭއްވުނު އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ލިބުނީ ކުރީފަހަރަށްވުރެ، 4862 ވޯޓު މަދުން، މުޅި ޖުމްލަ 109409 ވޯޓެވެ. އެއީ 53 އިންސައްތައެވެ. މިއާ ޚިލާފަށް މި އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް 96764 ވޯޓު ( 47 އިންސައްތަ ) ލިބިފައި ވެއެވެ. އެއީ 7 ސެޕްޓެމްބަރުގައި ބޭއްވުނު އިންތިޚާބުގައި ލިބުނު ވޯޓަށްވުރެ 1540 ވޯޓު އިތުރު ޢަދަދެކެވެ. އެހެންކަމުން މިފަހަރުވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް 2 އިންސައްތައިގެ ކުރިއެރުމެއް ހޯއްދަވާފައި ވެއެވެ.
ނޮވެމްބަރު 9 ގައި ބޭއްވުނު އިންތިޚާބުގައި 3 ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ޖުމްލަ ޢަދަދަކީ 206173 އެވެ. އެހެންކަމުން، ނޮވެމްބަރު 16 ގައި އޮންނަ އިންތިޚާބުގައި މި ޢަދަދަށް ވޯޓު ލައިފިނަމަ، އެއިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޯއްދަވަން ޖެހިވަޑައިގަންނަވާނީ މުޅިއެކު 103087 ވޯޓެވެ. އެއީ އެންމެފަހުން ބޭއްވުނު އިންތިޚާބުގައި ލިބުނު 96764 ވޯޓުގެ އިތުރުން 6323 ވޯޓެވެ.
މި ހުށަހަޅާލެވުނު ކަންކަމަށް ބަލާއިރު، 16 ނޮވެމްބަރު 2013 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުޞަތު އެންމެ ބޮޑީ، އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށެވެ.
(ނޯޓް: މިއީ ކިއުންތެރިއަކު އީޓީއަށް ފޮނުވާފައިވާ ލިޔުމެކެވެ.)
ކޮމެންޓްސް (0)
ލޯޑް ކުރަނީ...