ފުޓްސަލް މުބާރާތުގައި ބުރެޒިލްގެ ކުޅުންތެރިއަކު ކުޅޭނެ: ސީސީ

ކުޅިވަރު
އޭވައިއެލްގެ ސަންޓޯސް (ވ). –ހަވީރު ފޮޓޯ

މާދަމާރޭ އޭދަފުށީގައި ފަށާ “ސީސީ ކަޕް ފުޓްސަލް ޓޯނަމެންޓް 2012” އިން ބުރެޒިލްގެ ކުޅުންތެރިއަކު ފެނިގެންދާނެ ކަމަށް މި މުބާރާތް އިންތިޒާމުކުރާ ކްލަބް ކޮމްބިނޭޝަން އިން ބުނެފި އެވެ.

ސީސީ ބުނީ އޭވައިއެލް އަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު އެވަޓަން ސޫޒާ ސަންޓޯސް މިއަހަރުގެ މުބާރާތުގައި ފެނިގެންދާނީ އެސްއޭ ފްރެންޑްސް އިން ކަމަށެވެ. މިއީ ދެކުނު އެމެރިކާގެ ކުޅުންތެރިޔަކު އޭދަފުށީގައި ބާއްވާ ފުޓްސަލު މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިނާއި ފުރަތަމަ ޑިވިޝަންގެ މަޝްހޫރު ބައެއް ކުޅުންތެރިންގެ މި މުބާރާތުން ފެނިގެންދާނެ ކަމަށް ސީސީ އިން ބުންޏެވެ.

މުބާރާތް ފެށުމުގެ ގޮތުން މާދަމާރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކިންގ ސްޕޯޓްސް އާއި އީޔޫ12 އެވެ. ދެވަނަ މެޗުގައި އެސްއޭ ފްރެންޑްސް އާ ދެކޮޅަށް ދަ ލަވާސް ނުކުންނައިރު މާދަމާރޭގެ ފަހު މެޗުގައި އެފްސީ ޑޮލަރު އާއި ދެކޮޅަށް ނުކުންނާނީ އެމްޖީއާރު އެވެ.

މި މުބާރާތުގައި އެންމެގިނަ ސަޕޯޓަރުންނާއި އެންމެގިނަ ބަޔަކު ތަށި ގެންނާނެކަމަށް ލަފާކުރާ ޓީމެއް ބެލުން ސީސީއިން ވަނީ އެސްއެމްއެސް ޕޯލެއް ވެސް ހުޅުވާލައިފަ އެވެ. މި ފޯލުން އެއްވަނަ އަށް ދާ ޓިމަކަށް ހާއްސަ ޓްރޮފީއެއް ހުށަހަޅާފައިވާ ކަމަށް ސީސީ އިން ބުނެއެވެ. ޓީމުތަކަށް އެސްއެމްއެސް ކުރާނެ ގޮތާއި ޓީމްތަކަށް ދީފައިވާ ކޯޑް އަދި އެސްއެމްއެސް ފޮނުވާނެ ގޮތްތައް އީޓީ ވެބްސައިޓުން ފެންނަން އިންނާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...