މާއްޑޫ: ގެސްޓް ހައުސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ހަމަ ބެސްޓް!

މާއްޑޫގައި ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ އޭދަފުއްޓާ ވަރަށް ކައިރީގައި އޮތް މި ރަށުން އޭދަފުށީ މީހުންނަށް ގޯތި ދޫކުރުމަކީ ރަނގަޅު ކަމެއް ކަމަށް އެއް ބަޔަކު ބުނެ އެވެ. އެކަމަކު، މި ރަށަށް އުފަން އަހުމީމް އަބްދުއްރައްޒާގު މި ދެނީ މުޅިން ތަފާތު ހިޔާލެކެވެ. އޭނާގެ ހިޔާލު ފައްކާ ކުރަން ރަނގަޅު ގައިޑްލައިނެއް ވެސް ވަނީ ދީފަ އެވެ.
ބ. އަތޮޅަކީ ގުދުރަތީ މުއްސަނދިކަން އެންމެ ފުރިހަމަ އަށް ލިބިފައިވާ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. މި އަތޮޅުގެ ރީތި ރަށްތަކުގައި ދެވަނައެއް ނުވާ ފަދަ ރީތި ގޮނޑުދޮށްތަކާއި ވިލުތަކުގެ އިތުރުން ކަނޑުއަޑީގެ ހިތްގައިމު މުރަކައިގެ މަންޒިލްތައް ހިމެނެ އެވެ. އަދި ބ. އަތޮޅަކީ ޔުނެސްކޯ ބަޔޮސްފެއަރ ރިޒާވެއްގެގޮތުގައި ހިމާޔަތްކުރެވިފައިވާ، ޤުދުރަތީ ރީތި ކަމަށް ދުނިޔޭގެ ފެންވަރުގައި މަޝްހޫރު އަތޮޅެކެވެ. މިއީ އިޤްތިޞާދީ ގޮތުން ރައްޔިތުން އޭގެ އަގު އަދާކުރަންޖެހިފައިވާ ކަމެކެވެ. ބ. އަތޮޅުގައި ޓޫރިޒަމް ފުޅާވެފައި އަދި ރާއްޖޭގެ ނިސްބަތުން އެންމެ އަގުބޮޑު ރިޒޯޓްތައް ހިމެނޭ އަތޮޅު ކަމުގައި ވީ ނަމަވެސް، އޭގެ މަންފާ އަތޮޅުގެ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ލިބިފައެއް ނުވެ އެވެ.
ޓޫރިޒަމްގެ މަންފާ އަތޮޅުގެ ރައްޔިތުންނަށް އެދެވޭ ގޮތެއްގައި ލިބިދިނުމަށް މާއްޑޫ ގެސްޓުހައުސް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުން މުހިންމެވެ. ގެސްޓުހައުސް ރިސޯޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަލަށް ތައާރަފް ކުރެވޭނެ އުފެއްދުމަކަށް ވީ ނަމަވެސް މިކަމަކީ ކާމިޔާބު ކަމާއެކު ކުރެވިދާނެ ކަމެކެވެ. މިގޮތުން މާއްޑޫގައި އެކިއެކި ފެންވަރާއި މިންވަރުގެ ގެސްޓުހައުސްތަކާއި، ހިދުމަތް ދޭ މަރުކަޒުތައް ކަނޑައެޅޭ ޕްލޭނެއްގެ ދަށުން ތަރައްޤީ ކުރުމަށް ހަމަހަމަ އުސޫލަކުން މި ސަރަޙައްދުގެ ރައްޔިތުންނަށް ހުޅުވާލުމުން އެތައް ސަތޭކަ މިލިޔަނަރުން އުފެދި އެތައް ސަތޭކަ ވިޔަފާރީގެ ފުރުސަތުތަކެއް ތަނަވަސްވެ އަދި މަޝްރޫއުގެ ސަބަބުން 2000 އަށް ވުރެ ގިނަ، އެކި ފަންތީގެ ވަޒީފާގެ ފުރުސަތު އުފެދިގެން ދާނެ އެވެ.
މިގޮތުން މާއްޑޫގެ ފެނާއި ހުރިހާ އަސާސީ ޚިދްމަތް ޤާއިމުކުރެވި ރަށް ޕްލޭން ކުރެވި، ބެލެހެއްޓިގެން ދާނީ ސަރުކާރުން މިކަމަށް އުފައްދާ ހާއްސަ ކުންފުންޏަކުންނެވެ. އަދި މިފަދަ ތަންތަން އިމާރާތްކޮށް ޤާއިމުކުރުމަށް ބޭނުންވާ ފައިސާ، އިންވެސްޓްމަންޓް ބޭންކުތައް މެދުވެރިކޮށް ހޯދުމުގެ ފުރުސަތު ދާއިރާގެ ރައްޔިތުންނަށް މާއްޑޫގެ ބިން ރަހުނުކުރުމަށް ފަހު ހޯދުން ދަތި ކަމަކަށް ނުވާނެ އެވެ. މާއްޑޫގައި ތަރައްޤީކުރެވޭނެ ތަންތަނާއި ވަސީލަތްތައް ތިރީގައި މިވަނީ އެވެ.
.1 60 ގެސްޓްހައުސް (އެވަރޭޖްކޮށް 10 ކޮޓަރި. ޖުމްލަ 600 ކޮޓަރި)
.2 ސްޕާ / ޖިމް / ރިކްރިއޭޝަން އެންޑް ޕޫލް ސަރވިސް
.3 ޑައިވިން ސެންޓަރ
.4 ވޯޓަރ ސްޕޯޓްސް
.5 ފެރީ ނިޒާމް / ޓްރާންސްޕޯޓް ސަރވިސަސް
.6 ސްވެނިއަރ ވިޔަފާރިތައް
.7 އެކި ފެންވަރުގެ އެކި ވައްތަރުގެ ރެސްޓޯރެންޓް
ބ. އަތޮޅުގައި ހިމެނޭ މަތީ ފެންވަރުގެ 8 ރިސޯޓުން އަހަރަކު އާމްދަނީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި މި ރިޒޯޓުތަކުން އަހަރަކު ސާފު ފައިދާގެ ގޮތުގައި 700 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ.
މި ސަރަޙައްދުގެ ވިޔަފާރި ވިކުރާގެ ގޮތުގައި މިހާރު ލިބެނީ ވަރަށް މަދު އަދަދެކެވެ. ނަމަވެސް މާއްޑޫ ތަރައްޤީ ކުރެވުމުން، އިޤްތިޞާދު އެއް ބިލިއަން ރުފިޔާ އަށް ފުޅާވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. އަދި ސާފު ފައިދާގެ ގޮތުގައި އަހަރަކު 200 މިލިއަން ރުފިޔާ ސީދާ ރައްޔިތުންނަށް ލިބިގެންދާނެ އެވެ.
އޭދަފުށި ތަރައްޤީ ކުރެވެންޖެހޭނީ އާބާދީ އާއި އިޤްތިޞާދު އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން 10،000 މީހުން ހިމެނޭ އާބާދީއަކަށެވެ. މިގޮތުން އޭދަފުށީގެ ތަރައްޤީގައި ބައިވެރިވުމުގެ ފުރުސަތު، އަތޮޅުގެ ރައްޔިތުންނަށް އިސްކަންދީގެން ހުޅުވާލުން މުހިންމެވެ.
މާއްޑޫގައި ހިންގޭނެ ގެސްޓްހައުސް ރިސޯޓް މަޝްރޫޢުގެ ސަބަބުން އޭދަފުށްޓަށް ޙާއްސަ ކުރެވިގެން ހިންގޭނެ ތަރައްޤީގެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދެވި، ރައްޔިތުންނަށް އުމްރާނީ ގޮތުން ގިނަގުނަ ކުރިއެރުންތައް ލިބިގެންދާނެ އެވެ. ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރުން، ދުޅަހެޔޮ ރަނގަޅު އަހްލާޤެއްގެ ހޭލުންތެރި މުޖުތަމައުއަކަށް މަގުފަހިވެގެން ދާނެ އެވެ. އަދި މާއްޑޫގައި ހިންގޭނެ ފަތުރުވެރިކަމުގެ މަޝްރޫއިން ރައްޔިތުންގެ އާމްދަނީ އެތައް ގުނައަކަށް އިތުރުވެ، ރަނގަޅު ފެންވަރުގެ ގިނަ ވަޒީފާތަކެއް އިތުރުވެގެންދާނެ ވެސް މެ އެވެ. ހަމަ އެހެންމެ މި އަތޮޅުގެ އެހެނިހެން ސިނާއަތްތައް ކަމުގައިވާ މަސްވެރިކަން، ކޮންސްޓްރަކްޝަން، ގެސްޓްޝޮޕް ވިޔަފާރި، ދަތުރުފަތުރު ކުރުމުގެ ދާއިރާ، ވޯޓަރ ސްޕޯޓްސް އަދި ޓްރެވަލް އެޖެންސީ އާއި ޓުއަރގައިޑިން ފަދަ ދާއިރާތަކުން އެތަކެއް ވިޔަފާރިތަކެއް އުފެދި ދާއިރާގެ އެންމެހާ ރައްޔިތުންނަށް މިކަންކަމުން ފައިދާ ވެގެންދާނެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...