
ދިރާގުން ފޯޖީ ނެޓްވޯކް ރާއްޖެއަށް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ގދ. ތިނަދޫ އަށް ފޯޖީ އެލްޓީއީ ނެޓްވޯކް ތައާރަފުކޮށްފި އެވެ.
ޓެސްޓުކުރުމަށް ފަހު ފުލް ސްޕީޑްގައި ލައިވްކޮށް ބޭނުންކުރެވޭ ގޮތަށް، މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށަކަށް ދިރާގުން ފޯޖީ ނެޓްވޯކް ތައާރަފުކުރި މިއީ ދެވަނަ ރަށެވެ.
ދިރާގުން ބުނިގޮތުގައި މިހާރު ދިރާގުގެ މޮބައިލް ނެޓްވޯކް ވާނީ އަޕްޑޭޓްކޮށް ތްރީޖީ ސްޕީޑް އެތައްގުނައެއް ރަނގަޅުކޮށްފަ އެވެ. އެގޮތުން ޒަމާނީ ފޯޖީ ނެޓްވޯކެއް ގާއިމްކޮށް ތްރީޖީ ސްޕީޑުގެ 10 ގުނަ ހަލުވި ސްޕީޑް ދިރާގު އެލްޓީއީ ނެޓްވޯކް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ލިބޭނެކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ ތިނަދޫ އަށް ފޯޖީ އެލްޓީއީ ނެޓްވޯކް ތައާރަފްކުރުމާ އެކު އެރަށު ރައްޔިތުންނަށް އެތައްގޮތަކުން ފައިދާ ވާނެކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން މޮބައިލް ފޯނުން ކުރާ ބޭނުންތަކުގެ އިތުރުން އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާ ތަކާއި ވިޔަފާރިވެރިންނަށް ވެސް ފޯޖީ އެލްޓީއީގެ ހަލުވި ސްޕީޑް ލިބުމުން އޭގެ ފައިދާ ކުރާނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
“މިހާރު ނުޖެހޭނެ އެރަށުގައި ކިޔަވަން ހުންނަ ކުއްޖަކަށް ވެސް މަހުފީ ދައްކާފަ ފިކްސްޑް އޭޑީއެސްއެލް ލައިނެއް އަޅައިގެން އިންޓަނެޓް ބޭނުންކުރަން އުޅޭކަށް. އޭގެ ބަދަލުގަ ދިރާގު ފޯޖީ ޑޮންގުލްއެއް ބޭނުންކޮށްގެން ވެސް ފޯޖީ އެލްޓީއީ ނެޓްވޯކް މިހާރު ހަލުވި ސްޕީޑްގައި ލިބޭނެ،” އިމްޖާދު ވިދާޅުވި އެވެ.
ޒަމާނީ ސިމް ޓެކްނޮލޮޖީގެ އެހީގައި ދިރާގުން ތައާރަފްކޮށްފައިވާ “ޔޫސިމް” ވެސް ދިރާގުން އަންނަނީ ފޯޖީ އެލްޓީއީ ނެޓްވޯކް އަޅާ ރަށްރަށަށް ފޯރުކޮށްދެމުންނެވެ. ރާއްޖެއަށް އަލަށް ތައާރަފުކޮށްފައިވާ އެ ސިމްކާޑުގައި އެއް ސިމްއެއްގައި ތިން ސިމް ޓްރޭ ވާނެ އެވެ. އެގޮތުން ނެނޯ ސިމް އަކާއި މައިކްރޯ ސިމް އެއް ވެސް ކަސްޓަމަރުންނަށް ދޫކުރާ ސިމްގައިވާނެ ކަމަށާއި އެ ސިމް ވެސް ތިނަދޫ ރައްޔިތުންނަށް “ހިލޭ ފޯރުކޮށްދެމުން” އަންނަ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
ދިރާގުން މިހާރު ވަނީ ގއ. ވިލިނގިއްޔަށް ވެސް ފޯޖީ އެލްޓީއީ ނެޓްވޯކް ތައާރަފުކޮށްފަ އެވެ.