
ބ. އަތޮޅުގެ ރަށްތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންނަށް އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް ޓްރެއިނިން (އޮސްޓް) ރިފްރެޝާ ޕްރޮގްރާމެއް ފަށައިފި އެވެ.
ފުލުހުން ބުނީ ފެބްރުއަރީ މަހުގެ 23 ން 26 އަށް އޭދަފުށީ ޕޮލިސް ސްޓޭޝަންގައި ހިންގާ މި ޕްރޮގްރާމުގައި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭނުން ގާނޫނީ ހަމަތަކާ އެއްގޮތަށް ހިފާނެ ގޮތާއި ފުލުހުން ބޭނުންކުރާ ހަތިޔާރު ބޭނުންކުރާނެ ގޮތްތަށް ކިޔައިދޭނެ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާމެދު އަމަލު ކުރާނެ އާއްމު އުޞޫލުތަކާއި އެފަދަ މީހަކު ނުކިޔަމަންތެރިވާ ޙާލަތުގައި ޢަމަލުކުރާނެ ގޮތްތައްވެސް ކިޔަވައިދޭނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުންގެ ގޮތުގައި ހަރަކާތްތެރިވާއިރު ކޮންމެހެން އެނގެންޖެހޭ ގާނޫނޫތަކަށް އަހުލުވެރިކުރުންވެސް މިޕްރޮގްރާމުގައި ކުރިއަށް ގެންދެ އެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް ގެ މުދައްރިބުންގެ ތެރެއިން މިކަމަށް ތަމްރީނު ލިބިފައިތިބި ގާބިލު މުދައްރިބުންނެވެ. މި ޕްރޮގުރާމްގައި އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ތުޅާދޫ ޕޮލިސް ސްޓޭޗަންގައި މަސައްކަތް ކުރާ ހުރިހާ ފުލުހުން ބައިވެރިވެ އެވެ.