
މި އަހަރުގެ މާދަރީ ބަހުގެ ދުވަސް ބަހިއްޔާ ޕްރީ ސްކޫލުގައި ކުލަގަދަކޮށް މިއަދު ފާހަގަކޮށްފި އެވެ.
މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ބަހިއްޔާ ޕްރީ ސްކޫލުގެ ގޯތި ތެރޭގައި ބޭއްވި ހަރަކާތުގައި ސަގާފީ ގިނަ ކަންތައްތަކެއް ކުދިންނަށް ދައްކާލާފައިވެ އެވެ. އެގޮތުން ކުރީ ޒަމާނުގައި ކާބަފައިން ބޭނުންކުރި އުނދޯލިގެއާއި އެތެރެގެ އަދި އޭރުގެ ދިރިއުޅުމުގައި ދިވެހިން ބޭނުންކުރި ގިނަ ތަކެތި ދައްކާލާފައިވެ އެވެ.

މިއަދު ބޭއްވި އެ ހަރަކާތުގައި ދަރިވަރުންނާއި ޓީޗަރުން ބައިވެރިވެފައިވަނީ ސަގާފީ ހެދުމުގަ އެވެ. އަދި ރައިވަރު ކިޔުމާއި ބަނދިކިޔުން ފަދަ އައިޓަމްތައް ކުރިއަށްގެންގޮސްފައިވެ އެވެ.
މިފަދަ އިވެންޓެއް ބޭއްވުމަށް ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން އެސްކޫލުން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށް ޝުކުރު އަދާ ކޮށްފަ އެވެ.


ބަހިއްޔާ ޕްރީ ސްކޫލުން ބުނި ގޮތުގައި، މާދަރީބަހުގެ ދުވަހެއް ފާހަގަކުރުމުގެ މަގްސަދަކީ ކޮންމެ ބައެއްގެ މާދަރީ ބަހަކީ ވެސް އަގުހުރި ތަރިކައެއްކަން ތުއްތު ކުދިންނަށް އަންގައިދީ އެބައެއްގެ މާދަރީބަސް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ހިތްވަރުދިނުމެވެ.
ބައިނަލް އަގްވާމީ މާދަރީބަހުގެ ދުވަހަކީ 2000 ވަނަ އަހަރުން ފެށިގެން ޔުނެސްކޯގެ ފަރާތުން ފާހަގަ ކުރަމުންދާ ދުވަކެވެ. މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހެވެ.