އަނަންތަރާ ރިސޯޓުގެ ވޯޓާ ބަންގަލޯތަކެއްގައި ރޯވެ އަނދައިފި

ކ. ދިގުފިނޮޅުގައި ހިންގާ އަނަންތަރާ ދިގު ރިސޯޓު: އަލިފާން ރޯވުމުގެ ސަބަބުން ތިން ވޯޓާ ބަންގަލޯއެއް އެނދި.--
ކ. ދިގުފިނޮޅުގައި ހިންގާ އަނަންތަރާ ދިގު ރިސޯޓު: އަލިފާން ރޯވުމުގެ ސަބަބުން ތިން ވޯޓާ ބަންގަލޯއެއް އެނދި.–

 

އަނަންތަރާ އިން މާލެ އަތޮޅު ދިގު ފިނޮޅުގައި ހިންގަމުން އަންނަ ރިސޯޓުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި އެ ރިސޯޓުގެ ވޯޓާ ބަންގަލޯތަކެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު، މޭޖާ އަދުނާން އަހުމަދު މިއަދު ވިދާޅުވީ ކ. ދިގުފިނޮޅުގައި ހަދާފައިވާ އެ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ ރޭ ދަންވަރު 2:17 ހާއިރު ކަމަށެވެ.

ނަމަވެސް، ސިފައިން އެ ރިސޯޓަށް ދިޔައިރު އެ ތަނުގެ މުވައްޒިފުން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، އަލިފާން ރޯވީ އެ ރިސޯޓުގެ ވޯޓާ ބަންގަލޯއެއްގަ އެވެ. އަދި ކައިރި ކައިރީގައި ހުރި އެހެން ބަންގަލޯތަކަށް އަލިފާންގަނޑު ފެތުރުމުގެ ސަބަބުން ޖުމްލަ ތިން ބަންގަލޯއެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

“އެ ވަގުތު އެ ރޫމްތަކުގައި މީހަކު ނެތް. އެހެންވެ، އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުމެއް ނުލިބޭ،” އަދުނާން ވިދާޅުވި ކަމަށް ހަވީރު އޮންލައިނުގައި ވެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާ ކަމަށާއި ފުލުހުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ތައިލެންޑުގެ މަޝްހޫރު ހޮސްޕިޓެލިޓީ ކުންފުނި މައިނަ އިންޓަނޭޝަނަލް އިން އޮޕަރޭޓްކުރާ އަނަންތަރާ ބްރޭންޑުގެ ދަށުން ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަ އެވެ. އެއީ ދިގު ރިސޯޓުގެ ފަޅުގެ ތެރޭގައި އޮންނަ އަނަންތަރާ ވެލި ރިސޯޓާއި ނަލަދޫ ރިސޯޓުގެ އިތުރުން ބ. އަތޮޅުގައި ހަދާފައިވާ އަނަންތަރާ ކިހާވަށް ވިލާސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.