
އަންހެނުންނަށް ހިދުމަތްދިނުމަށް ޚާއްސަކޮށްގެން ސ. ހިތަދޫގައި ހިންގަމުން އަންނަ ތާނިޔާ ބިއުޓީ ސެލޫން އިން ބ. އޭދަފުށީގައި ފެށުމަަށް ތައްޔާރުވަމުން އަންނަ ބިއުޓީ ޓްރޭނިން ވޯކްޝޮޕަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެތަނުން ބުނެފި އެވެ.
އެ ސެލޫންގެ ސީއީއޯ ރޯޒީ ޝަރީފު ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް އޭދަފުށީގައި ކުރިއަށް ގެންދާ އެ ވޯކްޝޮޕަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މި ވޯކްޝޮޕްގައި 30 އަށް ގިނަ މީހުން ބައިވެރިވެ އެވެ.
ރޯޒީ ވިދާޅުވި ގޮތުގައި މި ޓްރޭނިން ޕްރޮގްރާމަށްފަހު ތާނިޔާ ސެލޫންގެ ފަރާތުން އޭދަފުށީގައި ސެލޫނެއް ހުޅުވުމުގެ މަސައްކަތް ފަށާނެ އެވެ. އަދި މި ޓްރޭނިން ޕްރޮގްރާމުގައި ބައިވެރިވި ކުދިންގެ ތެރެއިން އެ ސެލޫގައި މަސައްކަތް ކުރާނެ 6 ކުއްޖަކު ރޭ ވަނީ ހޮވައިފަ އެވެ. އެ ހަ ކުދިންނަށް ސ. ހިތަދޫގައި ހިންގަމުން އަންނަ ތާނިޔާ ސެލޫނުން އިތުރު ތަމްރީން ދެވޭނެ ކަމަށްވެސް ރޯޒީ ވިދާޅުވި އެވެ.
ރޯޒީ ވިދާޅުވީ އޭދަފުށީގައި ހިންގާ ވޯކްޝޮޕް ނިމުމާއެކު މިއަތޮޅު ދަރަވަންދޫގައިވެސް މީގެ އިތުރު ވޯކްޝޮޕެއް ހިންގާނެ ކަމަށެވެ. ތާނިޔާ ސެލޫނުން ބިއުޓީ ޓްރޭނިން ޕްރޮގްރާމުތައް ކުރިއަށް ގެންދަނީ މުޅިން ހިލެ އެވެ.
އަންހެނުންނަށް ހިދުމަތްދިނުމަށް ޚާއްސަކޮށްގެން ސ. ހިތަދޫގައި ހިންގަމުން އަންނަ ތާނިޔާ ސެލޫންއިން ފޭޝަލް ހަދައިދިނުމާއި އެކިވައްތަރުގެ ހެއާ ޓްރީޓްމަންޓް ދިނުމުގެ އިތުރުން އަތާއި ފައިގެ އިނގިލިތަކަށް ފަރުވާދީ ރީތި ކޮށްދެ އެވެ. މީގެ އިތުރުން ކުޑަކުދިންނާ ބޮޑެތި މީހުންގެ ބޯކޮށައި ދިނުމުގެ ޚިދުމަތްވެސް އެ ސެލޫން އިން ދެ އެވެ.