
ޔުނެސްކޯ ބައޮސްފިއާ ރިޒާވްގެ ދަށުން ހިމާޔަތްކޮށްފައިވާ މިއަތޮޅު ހަނިފަރު ސަރަހައްދު ސާފުކޮށްފި އެވެ.
އޭދަފުށީގަިއ ހުރި ސަރުކާރު އޮފީސް/ކުންފުނި ތަކުގެ މުވައްޒަފުން ބައިވެރިވެގެން މިއަދު ހެނދުނު 9:00 މެންދުރު ފަހު 3:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ހަނިފަރު ގޮނޑުދޮށުން ގިނަ އަދަދެއްގެ ކުނި ނަގާފައިވެ އެވެ.
އޭގެ ތެރޭގައި ޕްލާސްޓިކް ފުޅި އާއި ދަޅުގެ އިތުރުން ފުޅިމަދު ފޮށިގަނޑު ފަދަ ތަކެތި ނަގާފައިވެ އެވެ. އެ ތަކެތި ރީތި ބީޗް ރިސޯޓް މެދުވެރިކޮށް ނައްތާލެވޭނެ ކަމަށް ބައޮސްފިއާ ރިޒާވް އޮފީހުން ބުންޏެވެ.
ހަނިފަރު ފަރުތެރޭ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ބައޮސްފިއާ ރިޒާވް އޮފީހުގެ މުވައްޒަފުންނާއި އަމިއްލަފުށި ރިސޯޓްގެ ޑައިވަރުން ބައިވެރިކޮށް ގެންނެވެ.

ބައޮސްފިއާ ރިޒާވް އޮފީހުގެ އައުޓްރިޗް އޮފިސަރު ޝާފީ އަލީ ވިދަޅުވީ، މި ހަރަކާތްތައް ކުރިއަށް ގެންދިޔައިރު، ކިހާދު މޯލްޑިވްސް އާއި އަމިއްލަފުށީ ރިސޯޓް، ސޮނެވާފުށި އަދި ރީތި ބީޗް ރިސޯޓުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އެ ފަރާތައް ޝުކުރު އަދާކުރާ ކަމަށެވެ.
މިއަދު ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތް ނިންމާލުމަށްފަހު، މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް ވަނީ އެންމަޑިއުޅޭ ސަރަހައްދަށް ފީނާލުމުގެ ފުރުސަތު ދީފަ އެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނާތީ އެވެ. އެ ސަރަހައްދަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން ދެ ލައްކަ ފަންސާސް ހާހަށް ވުރެ ގިނަ ޑޮލަރު ރާއްޖޭގެ އިގްތިސާދަށް އަހަރަކު ލިބެ އެވެ.
މިއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނަން ފަށާ ދުވަސްވަރެވެ. ކޮންމެ އަހަރެއްގެ ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ހަނިފަރު ކައިރިން އެންމަޑި އާއި ފެހުރިހި ފެނެ އެވެ.