
އޭދަފުށީ ހިއްކި ބިމުގެ ހުޅަނގު ދެކުނު ކަންމަތީގައި ކުނި އެޅުމަށް ހަދާފައި އޮތް ކުނި ގޮނޑު ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް އޭދަފުށީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ކުނި ގޮނޑު އެހެން ސަރަހައްދަކަށް ބަދަލުކުރަން ކައުންސިލުން މިއަދު މެންދުރުފަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމީ ކައުންސިލު މެންބަރު ނާޒްނީން ޔޫސުފް ވިދާޅުވި ގޮތުގައި ކުނ ގޮޑޫގަިއ މިދުވަސްކޮޅު ކުނި ނޭންދުމަށް ކައުންސިލުން އަންގާފައި ވަނިކޮށްވެސް ގޮނޑުގައި ދޭތެރެ ދޭތެރެއިން ތަކުރާރުކޮށް އަލިފާން ރޯކުރުމުގެ ސަބަބުން ނާއި ހުޅަނގު މޫސުގައި ގޮނޑު އެންދުމުން އަރާ ދުންތައް ރަށު ތެރެއަށް ދިއުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ދަތި އުނދަގޫތަކާ ކުރިމަތިވަމުން ދާތީ އެވެ.
ނާޒްނީނާ ވިދާޅުވި ގޮތުގައި ކުނި އަޅާ ސަރަހައްދު ބަދަލުކުރާނީ ހިއްކި ސަރަހައްދުގެ އިރު ދެކުނު ކަންމައްޗަށެވެ.
“މާދަމާ އެ ތަނުގައި [މިހާރު ހަދާ އާ ކުނި ކޮށްޓާ ޖެހިގެން] ވަގުތީ ކުނިގޮނޑެއް އެޅުމުގެ މަސައްކަތް ކައުންސިލުން ފަށާނެ. އެތަން ނިމުނުހާ އަވަހަކަށް އާއްމުންނަށް ކައުންސިލުން އަންގާނެ އެ ސަރަހައްދަށް ކުނިއަޅަން ފަށަން،” ނާޒްނީން ވިދާޅުވި އެވެ.
ނާޒްނީން ވިދާޅުވި ގޮތުގައި މި ފެށޭ ހަފްތާތެރޭ މަސައްކަތް ނިންމާލައި، އެ ކުނި ގޮނޑަށް ކުނި އަޅަން ފެށޭވަރުވާނެ އެވެ.

އޭދަފުށީ ކުނި ގޮނޑުގައި ފަހަކަށް އައިސް އަލިފާން ރޯ ކުރަނީ ބަޔަކު ގަސްތުގައި ކަމަށް އޭދަފުށީ ކައުންސިލުން ބުނެ އެވެ. އެގޮތުން މިދިޔަ ހަފްތާތެރޭގަ އާއި އިއްޔެއާއި އަދި މިއަދުވެސް ގޮނޑުގައި ވަނީ ރޯކޮށްލައިފަ އެވެ.