ރޯދަމަހަކީ ބަރަކާތްތެރި މަތިވެރި މަހެކެވެ. އަދި އަޅުކަމުގެ މަހެކެވެ
އަޅުކަމަށް ސަމާލުކަންދޭ މީހުންގެ މެދުގައި މިހާރު ދަމު ނަމާދަކީ ވަރަށް އިސްކަންދޭ ނަމާދަކަށް ވަނީ ވެފަ އެވެ.
އޭދަފުށީގައި ދަމު ނަމާދު ޖަމާއަތުގައި ކުރަނީ އައްސުލްޠާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތް) ގައެވެ.
ދެ ރަކުއަތުން ދެ ރަކުއަތުން ފުރިހަމަ ކުރާ އަށް ރަކުއަތާއި ވިތުރީގެ ތިން ރަކުއަތް ހިމަނައިގެން، ދަމު ނަމާދު ކުރަނީ ކޮންމެ ރެއަކު ވެސް ރޭގަނޑު 2:00 އިން ފެށިގެން ގާތްގަނޑަކަށް 3:15 ވަންދެނެވެ. ދަމު ނަމާދަށް ދާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުން ވެސް ހިމެނެ އެވެ. އަދި ޒުވާނުންނާއި ކުޑަކުދިންގެ އަދަދުވެސް އަންނަނީ އިތުރު ވަމުންނެވެ. ބައެއް ރޭރޭ ތަރާވީސް ނަމާދަށް މީހުން ދާ އަދަދަށް ވުރެ ގިނައިން ދަމު ނަމާދަށް މީހުން ދެ އެވެ.
ޝެއިޚް އަބްދުލް މަޖީދު މުހައްމަދު ވިދާޅުވި ގޮތުގައި ދަމު ނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު އަދި އެންމެ މާތްކަން ބޮޑު ނަމާދެވެ. ރަމަޟާން މަހުގެ ފަހު 10 ގައި ލައިލަތުލް ގަދްރި ވިލޭ ރޭގެ ސަވާބު ލިބިގަތުމަށްޓަކައި ވެސް ވަރަށް ގިނަ ބަޔަކު ދަމު ނަމާދު ކުރެ އެވެ.