އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ އެސްޓީއޯ އޭދަފުށި ކަޕްގެ ސެމީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން މިއަދު ހުސް ސޮނގުން 8-7 އިން ބަލިކޮށް އެމްވީ ޔުނައިޓެޑް ފައިނަލަށް ދަތުރުކޮށްފި އެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
މި މުބާރާތުގެ ލީގު ބުރުގެ އެއް ވަނަ ހޯދައިގެން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ވެލާ ސްޕޯޓްސް ކްލަބެވެ. ވެލާ އާއި އެމްވީ ޔުނައިޓެޑް ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެމްވީ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. މިއީ އެމްވީ ޔުނައިޓެޑްގެ ސާމީ އިބްރާހީމް ނަގައިދިން ހުރަހަކުން ހުސް ސޮނގުންގެ އަފްރާހް އަބްދުލްއަޒީޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނީ ހުސް ސޮނގުންނަށެވެ. އެޓީމުގެ އިޝާން އިބްރާހީމް (ސައްޓު) އަށް ހުސްކޮށް ލިބުނު ދެ ފުރުސަތުގައި ފޮނުވާލި ހަމަލާތައް އެމްވީ ޔުނައިޓެޑްގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ވެސް ނަތީޖާ ހަމަހަމަކުރަން ހުސް ސޮނގުން ޓީމުން ގިނަ މަސައްކަތްތަކެއްކުރި އެވެ. އެޓީމުން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ސައްޓު ހިލޭ ޖެހުމަކުން ވައްދާލި ރީތި ގޯލުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ޖެހި އަށް ޕެނަލްޓީގެ ތެރެއިން ހުސް ސޮނގުން ޓީމުގެ ދެ ޕެނަލްޓީ ޒިޔަޒަން ވަނީ ހިފަހައްޓައިފަ އެވެ. އެއީ ސައްޓު އާއި މުހައްމަދު ރީހާން ޖެހި ޕެނަލްޓީއެވެ. އެމްވީ ޔުނައިޓެޑުން ޖެހި ޕެނަލްޓީގެ ތެރެއިން އަހުމަދު ޝިޔާން ޖެހި ޕެނަލްޓީ ހުސް ސޮނގުންގެ ގޯލްކީޕަރު އަހުމަދު ޝާހިދު ވަނީ މަތަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްވީ ޔުނައިޓެޑްގެ ކީޕަރު ޒިޔަޒަން އެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. ފިރިހެން ފުޓްބޯޅަ މުބާރާތެއްގެ އިތުރުން އޭދަފުށީ ކައުންސިލުން އަންނަނީ ވިމެންސް ފުޓްސަލް މުބާރާތެއް ވެސް ކުރިއަށް ގެންދަމުންނެވެ. އެ މުބާރާތުގައި މިރޭ ކުޅޭނީ ސެމީ ފައިނަލް މެޗެވެ. 8:30 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ގަލްފް ގާލްސް އާއި ލިލީ ސްޓާސް އެވެ.