ޓެކާސް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތުގައި އޭދަފުށި ތަމްސީލްކުރާ ވެލާ ސްޕޯޓްސް ކްލަބުން 4-1 އިން ރޭ ދަރަވަންދޫ ބަލިކޮށްފި އެވެ.
ބ. އަތޮޅު ރައުންޑުގެ މެޗުތައް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރޭ ކުޅުނު ފުރަތަމަ މެޗުގައި އޭދަފުއްޓަށް ފުރަތަމަ ލަނޑު ޖަހައިދިނީ މޮޅު ކުޅުމެއްދެއްކި ޝާހީ މޫސާ (ހިތޭ) އެވެ. އަނެއް ތިން ލަނޑު ޖެހީ އިސްމާއިލް ޝަރީފް އާއި އަލީ ނަސީމެވެ. ޝަރީފް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މި މެޗުގެ ދެވަނަ ހާފްގައި ދަރަވަންދޫ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އޭދަފުށީ ޓީމަށް ފޮނުވާލައިފަ އެވެ. ނަމަވެސް މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޭދަފުށީ ޓީމުގެ ގޯލް ކީޕަރު އަލީ އަޖްފާން ވަނީ އެ ހަމަލާތައް ދިފާއުކޮށްފަ އެވެ.
މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ކަމަދޫ އާއި މާޅޮސް ވާދަކޮށް 0-3ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކުރީ މާޅޮހު ޓީމެވެ.
މި މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އޭދަފުއްޓާ ކަމަދޫ އެވެ. އަދި ދެ މެޗުގައި ވާދަކުރާނީ ކިހާދޫ އާއި ދަރަވަންދޫ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. އަދި ރަނައަޕް ޓީމަށް 25،000ރ.ގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އަދި ކޮންމެ އަތޮޅަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް ވެސް ތައްޓާއި ޓްރޮފީ ދޭނެ އެވެ.
މި މުބާރާތުގެ މުޅި ރާއްޖޭގެ ޗެމްޕިއަން ހޮވާނީ، އަތޮޅުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މެޗުތަކަށް ފަހު އެވެ.