އޭދަފުށީގެ ގްރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) އިން ބ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އޭދަފުށީ އީދު ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ގޮއިދޫ ޓީމުން ހޯދައިފި އެވެ.
ގޮއިދޫ ޔޫތު ސްޕޯޓްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ފައިނަލުގައި އޭދަފުށީ ބީކޭ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު އެވެ.
ރޭ ސެމީ ފައިނަލު މެޗުތަކާއި ފައިނަލް ކުޅުނުއިރު ފައިނަލުގެ ފުރަތަމަ ޖާގަ ބީކޭ އިން ހޯދީ ސެމީގައި ކްލަބް ފޯކަސްގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ. ހައިރާންކޮށްލުމަށް ފަހު ދެ ވަނަ ސެމީގައި ކްލަބް އެމްވީގެ މައްޗަށް ސީދާ ދެ ގޭމުން ކުރިހޯދައި ގޮއިދޫ ޔޫތު ސްޕޯޓްސް ކްލަބުން ވަނީ ފައިނަލުގެ ފަހު ޖާގަ ހޯދައިފަ އެވެ.
ސެމީގެ ދެ ވަނަ މެޗަށް ފަހު 45 މިނިޓް ފަހުން ފައިނަލް ކުޅުނުއިރު، އެ މެޗު ފެނުނީ ފޯރިގަދަކޮށެވެ. ގޮއިދޫ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސީދާ ދެ ގޭމް ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގެ މިސްޓަ ބައިބަލާގެ މަގާމު ހޯދީ ބައިބަލާ އެސޯސިއޭޝަނުން ފިތުރު އީދު ބާއްވާ ބައިބަލާ މުބާރާތުގައި ދެ ފަހަރު މިސްޓަ ބައިބަލާގެ މަގާމު ހޯދާފައިވާ ގޮއިދޫ ޓީމަށް ކުޅުނު އަލީ ވިޖުދާން (ވިޖޫ) އެވެ.
މުބާރާތުގެ ޗެމްޕިއަން ގޮއިދޫ ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.