
އެސްޓީއޯ ހިންނަވަރު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ނައިފަރު ޗެލްސީ އެފްސީއާ ވާދަކޮށް ކްލަބް އޭދަފުށި 1-0 އިން ބަލިވެއްޖެ އެވެ.
މިއަދުގެ މެޗަކީ ލީގު ބުރުގެ އެއް ވަނަ އަށް އަރަން އޭދަފުއްޓަށް މުހިއްމު މެޗެކެވެ. އެކަމަކު މެޗުން ބަލިވުމުން ލީގު ބުރުގެ އެއް ވަނަ ހޯދަން އިތުރު މަސައްކަތެއް ކުރަން މިވަނީ ޖެހިފަ އެވެ.
ފަސް ޓީމު ވާދަކުރާ މުބާރާތުގައި ވެލިދޫ ސްޕޯޓްސް ކްލަބް ނޫން ކޮންމެ ޓީމަކުން ތިން މެޗު ކުޅުނުއިރު މިވަގުތު އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ނައިފަރު ޗެލްސީ އެވެ. ފުރަތަމަ މެޗުގައި ހިންނަވަރު ސްޕޯޓްސް ކްލަބް އަތުން ބަލިވި ނަމަވެސް އެޓީމުން ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކޮށްފަ އެވެ. ދެ ވަނައިގައި އޮތް ކްލަބް އޭދަފުއްޓާ ތިން ވަނައިގައި އޮތް ހިންނަވަރު އެފްސީ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ވެލިދޫ ސްޕޯޓްސް ކްލަބާއި ފުލުގައި އޮތް ބަޒޫކާ ސްޕޯޓްސް ކްލަބަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
މިއަދުގެ މެޗުގައި ވެސް އޭދަފުށީ ޓީމުގެ ގައުމީ ޓީމު ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) ކުޅެފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު އޭދަފުށިން މޮޅަށް ކުޅުނުއިރު ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފު ފެށިގެން ޗެލްސީ އެފްސީ އިން ވަނީ ކުޅުން ރަނގަޅުކޮށް އޭދަފުއްޓަށް ބާރުބޮޑުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން މެޗުގެ 59 ވަނަ މިނެޓުގައި ލީޑު ނެގި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު އިޝާމް އެވެ. އިޝާމް ޖެހި ބޯޅަށް ގޯލަށް ވަނީ އޭދަފުށީގެ ކީޕަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި އަތުގައި ޖެހިފަ އެވެ. ގޯލަށް ފަހު ވެސް ނައިފަރު ޗެލްސީން ވަނީ މޮޅަށް ކުޅެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފަހުކޮޅު އޭދަފުށީގެ ކުޅުންތެރިން ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެކަމަކު ޓީމުން ވަރުބަލިކަން ފާހަގަކުރެވުނުއިރު ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ވެސް ތަނަވަހެއް ނުކުރެވުނެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލިދޫ ސްޕޯޓްސް ކްލަބާއި ހިންނަވަރު ސްޕޯޓްސް ކްލަބެވެ. ލީގު ބުރުގައި އޭދަފުށި ކުޅޭ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ނުކުންނާނީ ބަޒޫކާ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މުބާރާތުގައި ލީގު ބުރެއް ކުޅުމަށް ފަހު ގަދަ ހަތަރު ޓީމު ވާދަކުރާނީ ސެމީ ފައިނަލުގަ އެވެ. ފުރަތަމަ ސެމީގައި އެއް ވަނަ ޓީމާ ދެ ވަނަ ޓީމު ވާދަކޮށްގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ދެ ވަނަ ސެމީގައި ވާދަކުރާނީ ލީގު ބުރުގެ ތިން ވަނަ ޓީމާ ހަތަރު ވަނަ ޓީމެވެ. މި ދެޓީމުގެ ތެރެއިން މޮޅުވާ ޓީމެއް ޖެހޭނީ ފުރަތަމަ ސެމީގައި ބަލިވި ޓީމާ ދެކޮޅަށް ތިން ވަނަ ސެމީ ފައިނަލް މެޗުގައި ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.


