
ބ. އޭދަފުއްޓާއި ޅ. ނައިފަރުގައި އަންނަ މަހުން ފެށިގެން ޑައިލިސިސް ހަދަން ފެށުމަށް ވާންޖެހޭ އެންމެ ފަހު ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އޭދަފުއްޓާއި ނައިފަރު ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ދެ ހޮސްޕިޓަލަށް އެކަމަށް ބޭނުންވާ ހުރިހާ މެޝިނަރީއަކާއި އެހެނިހެން ކަންކަން ހަމަޖެހިފައިވާ އެ މިނިސްޓްރީން ބުންޏެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީއާއި އެހެނިހެން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ހިދުމަތް ފެށުމަށް ބޭނުންވާ ބައެއް މެޑިކަލް ސާމާނު މިހަފްތާގެ ތެރޭގައި އެސްޓީއޯ މެދުވެރިކޮށް ލިބޭނެ ކަމަށާއި އެ ތަކެތި ލިބުމާ އެކު ހިދުމަތް ދޭން ފެށޭނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
ޑަޔަލިސިސްގެ ޚިދުމަތަކީ ވަރަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ކަމެކެވެ. އެންމެ މީހަކަށް ޑަޔަލިސިސް ހަދަން މަދުވެގެން ހަތަރު ގަޑިއިރު ނަގާނެ އެވެ.
ރާއްޖޭގައި ކިޑްނީއާ ގުޅޭ ބަލިތަކުގެ ފަރުވާ ހޯދާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ބ. އަތޮޅުގައި އެކަނިވެސް ޑައިލިސިސް ހަދަންޖެހޭ 30 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.
ބ. އަތޮޅުގައި ދިރިއުޅޭ ކިޑްނީގެ ބަލިތަކުގެ މީހުން ޑަޔަލިސިސް ހަދަން ދާން ޖެހެނީ މާލެ އަށާއި ކުޅުދުއްފުށި އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް އެ ހޮސްޕިޓަލްގައި ގާއިމުކުރާ ޑައިލިސިސް ޔުނިޓްގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށާއި އެ ކަމަށް ސްޓާފުން ވެސް ތަމްރީން ކޮށްފައިވާ ކަމަށެވެ.


