ބ އަތޮޅު ކައުންސިލްގެ ރައީސްގެ ތާއީދު ނަޝީދަށް!

މި ސަރުކާރުން ކައުންސިލްތަކަށް ލިބިދީފައިވާ ގިނަ ބާރުތަކެއް ހިފަހައްޓަވާފައިވާކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕްރައިމަރީގައި އޭނާގެ ތާއީދު އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް މިއަދު އިއުލާންކުރައްވައިފި އެވެ.

އަފްރާހް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ލިބިދޭން ޖެހޭ އެންމެ ހައްގު މިންވަރު ލިބިނުދިނުމަށްޓަކާ ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށެވެ.

”އަޅުގަނޑުމެން ވިސްނައިގެން ތިބީ ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށްފަހު ކައުންސިލުތަކަށް ވަރަށްގިނަ ބާރުތަކެއް ދޫކޮށްލާނެ ކަމަށް. ނަމަވެސް އަޅުގަނޑުމެންނަށް ތަޖުރިބާކުރަން ޖެހިފައި މިވަނީ ރައްޔިތުންނާ ގުޅުން ހުރި އެތައް އެތައް ކަންތަކެއް މިސަރުކާރުން ހިފަހައްޓާ ރައްޔިތުންނަށް ލިބިދޭން ޖެހޭ އެންމެ ހައްގު މިންވަރު ލިބިނުދިނުމަށްޓަކާ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާތަން،“ އޭނާ ވިދާޅުވި އެވެ.

އަފްރާހު ވިދާޅުވީ ރައްޔިތުންނަށް ލިބިދޭން ޖެހޭ ހައްގު މިންވަރު ހޯދުމަށް އަތޮޅު ކައުންސިލުތަކުންނާއި ރަށު ކައުންސިލުތަކުން ގިނަގުނަ މަސައްކަތްތަކެއް ކެނޑިނޭޅި ކުރެއްވި ކަމަށެވެ.


”އަޅުގަނޑު ހަމަގައިމުވެސް ގަބޫލުކުރާ ގަބޫލު ކުރުމަކީ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ރައްޔިތުންނާ ގާތުން ކޮށްދެވޭނެ އެންމެ ފަހުރުވެރި ހެޔޮވެރިކަމެއް ކޮށްދެވޭނީ ރައީސް ނަޝީދު، މި ދިވެހި ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރެވިގެން”

އެހެންވެ، މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ އިންތިހާބުގައި ވާދަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށް އަފްފާހު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.