
އޭދަފުށީގައި ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ގުރަހަ އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ ފުރުސަތު އޭދަފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހުޅުވާލައިފި އެވެ.
އަންހެނުންގެ ދުވަހާ ގުޅިގެން ބާއްވާ މި އެވޯޑް ހަފްލާ އަކީ އޭދަފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އޭދަފުށީ ކައުންސިލު ގުޅިގެން އިންތިޒާމް ކުރާ އެވޯޑް ހަފްލާއެކެވެ.
މި އެވޯޑަށް މިއަހަރު ތަފާތު ފަސް ދާއިރާއަކުން ކުރިމަތިލެވޭނެ އެވެ. އެގޮތުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި އިޖުތިމާއީ ދާއިރާގެ އިތުރުން އިގްތިސާދީ އަދި ކުޅިވަރުގެ ދާއިރާ ހިމެނެ އެވެ.
އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި މި އެވޯޑަށް ހޮވޭ ފަރާތްތައް ހޮވާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ކޮމެޓީއަކުންނެވެ.
މި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އެ ކަމަށް ބޭނުންވާ ފޯމާއި މައުލޫމާތު އޭދަފުށީ ކައުންސިލުން ލިބޭނެ އެވެ.
މިއީ މި އެވޯޑު ދޭ ދެވަނަ ވަނަ އަހަރެވެ.

