
ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ އޭދަފުށީ ފުޓްސަލް ޓީމުގެ މެއިން ސްޕޮންސަރަކަށް އަވަސް ރައިޑް ހަމަޖައްސައިފި އެވެ.
އަވަސް ރައިޑް އޭދަފުށީ ޓީމުގެ ސްޕޮންސަރަކަށް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. މެއިން ސްޕޮންސަރަކަށް އަވަސް ރައިޑް ހަމަޖެހުމާ އެކު ފުޓްސަލް ޓީމުން އާއްމުކުރި އޮފިޝަލް ދެ ޖާޒީގެ ކުރިމަތީގައި އަވަސް ރައިޑްގެ ލޯގޯ ވަނީ ހިމަނާފަ އެވެ.
އަވަސް ރައިޑަކީ އެއްގަމު އުޅަނދުގެ ދަތުރުތަކަށް ރާއްޖޭގައި އެންމެ މަޝްހޫރު އެއް ބްރޭންޑެވެ. އެ ކުންފުނިން ބުނީ އޭދަފުށީ ފުޓްސަލް ޓީމުގެ ޖާޒީގެ މެއިން ސްޕޮންސަރަކަށް ވީ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް އޭދަފުއްޓަކީ ފާހަގަކޮށްލެވޭ ރަށަކަށް ވާތީ ކަމަށެވެ.
އޭދަފުށީ ފުޓްސަލް ޓީމު ދަނޑަށް ނެރުމަށް ތައްޔާރުވަމުން އަންނަ ޔުނައިޓެޑް ވީ އިން ބުނީ އަވަސް ރައިޑް، ފުޓްސަލް ޓީމުގެ މެއިން ސްޕޮންސަރަކަށް ހަމަޖެހިގެން ދިއުމަކީ ޓީމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
ފުޓްސަލް ޓީމުން މިހާރު ވަނީ ހޯމް އަދި އަވޭ ޖާޒީ ފަރުމާކޮށް ޕްރީ އޯޑަރަށް ހުޅުވާލާފަ އެވެ. އޮފިޝަލް ޖާޒީގެ ކޯ ސްޕޮންސަރުންނަކީ މެޑްޓެކް މޯލްޑިވްސް އާއި އެއިޓީ ފޯ އެވެ.
ޔުނައިޓެޑް ވީ އިން ވަނީ ޓީމުގެ ޕްރެކްޓިސް ޖާޒީ ވެސް ލޯންޗްކޮށްފަ އެވެ. ޕްރެކްޓިސް ޖާޒީގެ ސްޕޮންސަރުންނަކީ އެއިޓީ ފޯ، ހޯރަ ޕެޓްސް، ހޭންގްއައުޓް ގެލާޓޯ އެންޑް ކެފޭ އަދި ފްރެންޑް މީ އެވެ.
ޖާޒީއާ ގުޅޭ އިތުރުން މައުލޫމާތު ޔުނައިޓެޑް ވީގެ ނަންބަރު (7571584) އަށް ގުޅުމުން ލިބޭނެ އެވެ.
އޭދަފުށީގެ ޕްރެކްޓިސް ޖާޒީ އާއި އޮފިޝަލް ޖާޒީ ސްޕޮންސާކޮށްދިން ހުރިހާ ފަރާތަކަށް ޓީމުން ވަނީ ޝުކުރުއަދާކޮށްފަ އެވެ. އަދި، ފުޓްސަލް ޓީމަށް ވެދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އޭދަފުށީ ކައުންސިލަށް ޔުނައިޓެޑް ވީ އިން ހާއްސަ ޝުކުރެއް އަދާކުރެ އެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިއަހަރު ބ. އަތޮޅުން ހަތަރު ރަށް ވަނީ ބައިވެރިވެފަ އެވެ. އެއީ އޭދަފުށީގެ އިތުރުން، ފެހެންދޫ، ކެންދޫ އަދި ތުޅާދޫ އެވެ. އާއްމުކޮށް މުބާރާތުގައި ފެންނަ ހިތާދޫ މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައެއްނުވެ އެވެ.
ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 8 ޖަހާއިރު އޭދަފުށި ނުކުންނާނީ ފެހެންދޫއާ ދެކޮޅަށެވެ. އެރޭ ކުޅޭ އަނެއް މެޗުގައި 9 ޖަހާއިރު ތުޅާދޫ އާއި ކެންދޫ ވާދަކުރާނެ އެވެ. އަތޮޅު ބުރުގެ މެޗުތައް ދެން އޮންނާނީ މި މަހުގެ 20 އަދި 22 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

