
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 45 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޗީޕް އޮޕަރޭޓިން، އޮފިސަރ (ސީއޯއޯ) އަދި އެ ސްކޫލްގެ ކުރީގެ ދަރިވަރު އާދިލް މޫސާއެވެ.

ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ޕީޓީއޭގެ މެންބަރުން އަދި އޮފީސްތަކުގެ އިސްވެރިން ވެސް ބައިވެރިވި މި އެސެމްބަލީގައި އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ހާއްސަ ކޭކެއް ފެޅި އެވެ. އަދި އެ ސްކޫލުގެ ދަރިވަރުންގެ މެދުގައި ކުޅިވަރު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

މި އެސެމްބްލީގައި ވަނީ އެ ސްކޫލަށް ހެޔޮއެދޭ ފަރާތްތަކުން ދޮޅުލައްކައެއްހާ ރުފިޔާގެ ތަކެތި ވެސް ހަދިޔާކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ޔުނިސެފްގެ އެހީގައި ދިވެހި ސަރުކާރުން އަތޮޅުތެރޭގައި އިމާރާތްކުރި އެންމެ ފުރަތަމަ އަތޮޅު ތައުލީމީ މަރުކަޒެވެ. މި ސްކޫލް ބ. ކޮމިޔުނިޓީ ސްކޫލްގެ ނަމުގައި ހުޅުވީ 24 ފެބްރުއަރީ 1978 ވަނަ އަހަރު އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލް އަބްދުއްސައްތާރު މޫސާ ދީދީ އެވެ. ހުޅުވުނު އިރު މި ސްކޫލްގައި ތިބީ 58 ދަރިވަރުންނާއި، 3 މުދައްރިސުންނާއި ހެޑްމާސްޓަރެކެވެ. ހުޅުވިއަހަރު ކިޔަވައިދެއްވީ ހަމައެކަނި ގްރޭޑް 1 އާ ހަމައަށެވެ. މިހާރު އެ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުންފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެވެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ތައުލީމީ ގޮތުން މުޅިރާއްޖޭގައިވެސް ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލުކުރަމުން އަންނަ ސްކޫލެކެވެ.

