
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 45 ވަނަ އަހަރީ ދުވަހާ ދިމާކޮށް އަމިއްލަ ފަރާތްތަކުން އެ ސްކޫލަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފި އެވެ.
އެ ސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ އެސެމްބަލީގައި މި އެހީތައް އެ ސްކޫލާވަނީ ހަވާލުކޮށްފައެވެ.
އެގޮތުން 2000 ވަނަ އަހަރު އެ ސްކޫލުން ތައުލީމު ހާސިލު ދަރިވަރުންގެ ފަރާތުން ވަނީ ސްކޫލުގެ ކްލާސް ރޫމުތަކަށް ބޭނުންވާ 65 އިންޗީގެ 5 ޓީވީ ހަދިޔާކޮށްފައިވާއިރު، އޭދަފުށީ ހަވީރު އަބްދުﷲ ރަޝީދުގެ އާއިލާއިން ވަނީ ސްކޫލުގެ ސައިންސް ލެބަށް މައިކްރޮސްކޯޕެއް ވެސް ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން އޭދަފުށީގެ ޖަމިއްޔާއެއް ކަމަށްވާ ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ވަނީ އެ ސްކޫލުގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސެން ކްލާސްރޫމް އަދި ޕްރީ ސްކޫލް ކްލާސްތައް ތަރައްގީކުރުމަށް ފަންސާސް ހާސް ރުފިޔާގެ ތަކެތި ހަދިޔާކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އަހަރީ ދުވަހާ ގުޅިގެން މިލިބުނު އެހީތަކުގެ ސަސަބަބުން ދަރިވަރުންނާއި ޓީޗަރުންނަށް ދެމެހެއްޓެނިވި ފައިދާވާނެ ކަމަށެވެ.

