
އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން އޭދަފުށީ ރައްޔިތުންނަށް ބަހަން ހަމަޖައްސާފައިވާ ކަދުރު މިއަދުން ފެށިގެން ބަހަން ފަށާފައިވާ ކަމަށް މިރަށު ކައުންސިލުން ބުނެފި އެވެ.
ރަށުކައުންސިލުން ބުނިގޮތުގައި އޭދަފުށީ ރައްޔިތުންނަށް ބެހުމަށް މިއަހަރު ލިބިފައިވަނީ ދެ ކިލޯގެ 454 ޕެކެޓް ކަދުރެވެ.
ކައުންސިލުން ބުނިގޮތުގައި މި ފަހަރު ވެސް ކަދުރު ބަހާނީ މިދިޔަ އަހަރު ރަޖިސްޓަރީ ވެފައިވާ ފަގީރުންގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ބެހުމަށް ފަހު ބާކީވާ ކަދުރެވެ. ފަގީރުންނަށް ބެހުމަށް ފަހު ދެން ކަދުރު ބަހާނީ ބަލައި މީހުން ދާ ތަރުތީބުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކަދުރު ބަލައިދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން ޖެހެ އެވެ.
ފަގީރުންގެ ދަފުތަރުގައި، އޭދަފުށީގައި ރަޖިސްޓްރީކޮށްފައިވަނީ 21 މީހުންނެވެ.
ކައުންސިލު އިދާރާގައި ކަދުރު ދޫކުރުން އޮންނާނީ ހުކުރު، ހޮނިހިރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގައި ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ. އަދި ކަދުރު ބަހާނީ ލިބިފައިވާ ކަދުރު ހުސް ވަންދެން ކަމަށް ވެސް މިރަށު ކައުންސިލުން ބުންޏެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވެސް ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެ އެވެ.

