
ބ. އޭދަފުށީގައި ތަރައްގީކުރަމުން އަންނަ ފެރީ ޓާމިނަލަށް “އޭދަފުށީ ގިމަތަ” ގެ ނަމުން ނަން ދޭން ނިންމައިފި އެވެ.
އޭދަފުށީ ކައުންސިލުން އެގޮތަށް ނިންމީ މިދިޔަ މަހު ބޭއްވި އެ ކައުންސިލުގެ 91 ވަނަ އާއްމު ޖަލްސާގަ އެވެ.
އޭދަފުށީ ބަނދަރުގެ ހުޅަނގު ޖެޓީ ސަރަހައްދުގައި ފެރީ ޓާމިނަލް ތަރައްގީކުރަނީ ދެ ބުރީގެ އިމާރާތަކާ އެކުގަ އެވެ. އެތަނުގެ ތިރީބައި ޚާއްސަ ކޮށްފައިވަނީ މީހުން މަޑުކޮށްލައިގެން ތިބުމަށާއި ފިހާރަ ހިންގަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެންނެވެ. އަދި ޓާމިނަލުގެ މަތި ޚާއްސަ ކޮށްފައިވަނީ ވިޔަފާރި އުސޫލުން ކެފޭ ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ކުއްޔަށް ދިނުމަށެވެ.
ފެރީ ޓާމިނަލުގެ މަސައްކަތް އެންމެ ފުރަތަމަ 3.8 މިލިއަން ރުފިޔާއަށް ޓީއޭ ކޮންސްޓްރަކްޝަން އާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް އެކި ސަބަބުތަކާހެދި މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ވީފަހުން އެ ކުންފުންޏާއެކު ހަދާފައިވާ އެގްރީމެންޓް އޭދަފުށީ ކައުންސިލުން ވަނީ ބާތިލުކޮށްފަ އެވެ. އޭރު އެ އިމާރާތުގެ ތަނބުތައް ޖަހައި ޝީޓް އަޅައި ވަނީ ނިމިފަ އެވެ. އެކަމަކު ތަން ރޭނުމާއި މަތީ ބެރިތަކާއި ފުރާޅުގެ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވަނީ ފެރީ ޓާމިނަލްގެ ނުނިމިހުރި މަސައްކަތްތައް ނިންމަން 4.4 މިލިއަން ރުފިޔާއަށް ނޯތް ވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.
މި މަސައްކަތް ނިންމަން އެ ކުންފުންޏަށް ދިނީ ހަ މަސްދުވަހުގެ މުއްދަތެކެވެ. މިހާރު ވަނީ މި މަސައްކަތުގެ ބޮޑުބައެއް ނިމިފަ އެވެ.

