
ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ކޮންމެ ރަމަޟާން މަހަކު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ރޭ ފަށައިފިއެވެ.
ހަތަރު އަހަރުން މަތީގެ އުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިއަހަރު 250 އަށްވުރެ ގިނަ މީހުން ވާދަކުރެއެވެ.
ފޭލި ޖަމިއްޔާއިން ބުނިގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، ރަމަޟާންމަހަކީ އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވާތީއާއި، އެ މައްސަރުގެ ބަރަކާތްތެރިކަމާއި، މާތްކަން އަޅުގަނޑުމެންގެ ޅަދަރިންނަށާއި ބޮޑެތި މީހުންނަށްވެސް އަންގައިދީ، ޅަދަރިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސުވައި އިސްލާމްދީނުގެ ތަރަހަމަތީގައި އެކުދިން ތަރުބިއްޔަތުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މާތް މަގްސަދުގައެވެ.

މި މުބާރާތަކީ 2002 އިން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މިއީ މި މުބާރާތް ބާއްވާ 18 ވަނަ އަހަރެވެ. ކޮވިޑާ ގުޅިގެން ވޭތުވެދިޔަ ތިން އަހަރު މުބާރާތް ބާއްވާފައެއް ނުވެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސާއެއް ގޮތުގައި މާޒިޔާ ހަމަޖައްސާފައިވާއިރު، ޔޫތު މިނިސްޓްރީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި އޭދަފުށީ ކައުންސިލުގެ އިތުރުން ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ފޭލިން ބުންޏެވެ.

