
ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޓީމުގައި އޭދަފުށީގެ ދެ އެތުލީޓުން ކަމުގައިވާ މަރިޔަމް އީނާސް އިލްޔާސް އާއި މުޙައްމަދު އަލޫފް ރިފާއު ހިމެނިއްޖެ އެވެ.
މި މަހުގެ 17 އިން 20 އަށް މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ފަރާތުން ބައިވެރިވާ އެތުލީޓުންނާއެކު ޔުނިފައިޑް ޕާޓްނަރުންގެ ގޮތުގައި އޭދަފުށި އެކަޑަމީން މި ދެ ކުޅުންތެރިން ބައިވެރިވާނެ އެވެ.
މި މުބާރާތުގައި ބައިވެރިވާ އެހެން އެތުލީޓުންގެ ތެރޭގައި މުޙައްމަދު ރާއިފު ޝަރީފް، މުހައްމަދު ޖުމާން އަޙްމަދު، އިބްރާހިމް ރަބީތް، އައިމިނަތު ރައިޝާ އަލީ، އަމްނާ އަހުމަދު އަބްދުﷲ އަދި 2023 ވަނަ އަހަރު ބާލިންގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއިން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން އައިޝަތު މާނިޔާ އާދަމް ހިމެނެ އެވެ.
ރާއްޖޭގެ އެތުލީޓުންނާއެކު ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި މޫސާ ޒަމީރު އަދި ހެޑް ކޯޗުގެ ގޮތުގައި ރިޝްވާން ޝިޔާމް އަދި ކޯޗު އައިމިނަތު ޝަހުރުހުނާޒް މޫސާ ބައިވެރިވާނެ އެވެ.
“މިފަހަރު މި ދަނީ ބައެއް އައު އެތުލީޓުންނާއެކުގައި، އަދި މި އެތުލީޓުން މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާތީ ރަނގަޅު ކާމިޔާބީއެއް ރާއްޖެއަށް ހޯދޭނެ ކަމަށް ގަބޫލުކުރަން،” ހެޑް އޮފް ޑެލިގޭޝަން މޫސާ ޒަމީރު ވިދާޅުވި އެވެ.
މި މުބާރާތުގެ ކުރިން ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާމިރު ވަނީ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެން، ރާއްޖެ ތަމްސީލުކުރުމުގައި ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުން އެހެން ގައުމުތަކަށް ނަމޫނާ ދެއްކުމަށް އެދިވަޑައިގެންފައެވެ.