
ބ. އޭދަފުށީގައި ކުރިއަށްދިޔަ އޭދަފުށި ކަޕް 2025 ގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
މިއަދު ހަވީރު އޭދަފުށި ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ވެލާއިން ވަނީ އިރުމަތި އެފްސީ 2-1 އިން ބަލިކޮށް، މިދިޔަ އަހަރުގެ ޗެމްޕިއަންކަން ދިފާއުކޮށްފައެވެ.
ސްޓޭޑިއަމް ފުރިފައިވާ މި މެޗުގައި ފުރަތަމަ ހާފުގެ ބޮޑުބައެއްގައި ދެޓީމުން ދެއްކީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ހާފު ނިމެން ކައިރިވިއިރު، އަހުމަދު ސުހައިލް (ބަންބުޗް) ހުރަސްކޮށްދިން ބޯޅައިން އަލީ ޒުބޭރު ވަނީ ވެލާއަށް ލީޑު ހޯދައިދީފައެވެ.
ދެވަނަ ހާފަށް ނުކުމެ، އިރުމަތިން އެޓޭކަށް ކުޅުންތެރިން ގިނަ ކޮށްފައިވާ އިރު، އަނެއްކޮޅުން ވެލާ ބޮޑަށް ވިސްނީ ޑިފެންސަށެވެ. އެޓީމުން ކައުންޓާއަށް ވިސްނައިގެން ތިބި އިރު، އިރުމަތީގެ މުހިއްމު ހަމަލާތަކެއް ވެލާގެ ކީޕަރު މިފްދާދު އަހުމަދު މަތަކުރިއެވެ.
މިފްދާދު މެޗުގައި މޮޅަށް ކުޅެފައިވާ އިރު، ވެލާއިން ވަނީ ކައުންޓާގައި ލިބުނު ފުރުސަތެއްގައި ލީޑު ފުޅާވެސް ކޮށްފައެވެ. އެޓީމަށް ލިބުނު ފުރުސަތުގައި ކީޕަރުވެސް ނައްޓާލުމަށްފަހު ދެވަނަ ގޯލު ޖަހައިދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލް މަޖީދެވެ.
މެޗުގެ އިތުރުވަގުތުގައި އިރުމަތި އެފްސީއަށް ލިބުނު ޕެނަލްޓީއެއް އަލީ ނަސީމް ގޯލަކަށް ބަދަލުކުރި ނަމަވެސް، ވެލާއިން ވަނީ ފަހު މިނެޓުތަކުގައި ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކައި، މުބާރާތުގެ ތަށި ޔަގީންކޮށްފައެވެ.
ފައިނަލް މެޗަށްފަހު ނިންމުމުގެ ރަސްމިއްޔާތު ފުރިހަމަކޮށްފައިވާ އިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން، ރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ވެލާގެ ކީޕަރު މިފްދާދު އަހުމަދަށެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިރުމަތި އެފްސީގެ އިމްތިޝާލް އަބްދުލް ރަހީމަށް ލިބުނު އިރު، އެންމެ މޮޅު ކޯޗުގެ އެވޯޑު ވެލާގެ މުހައްމަދު އިހްސާން ސައީދު (ލިއުބީ) އަށް ލިބުނެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކީ އާޖީލަކަށް އޭދަފުށި ފުޓްބޯލަ އެކަޑެމީއެވެ.