
އެއްފަހަރާ އެންމެ ގިނަ މީހުން ފީނައިގެން (ސްނޯކަލް) ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދުމަށް ބ.އަތޮޅު ކައުންސިލުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާ ގުޅިގެން “ބާނި” ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު މާޅޮސްމަޑުލު ދެކުނުބުރީ ވިލިނގިލިފަރު ފިނޮޅުގައެވެ. މި ހަރަކާތުގައި 1000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެ، މި ސަރަހައްދުގެ ފަރުގެ މުއްސަނދިކަން ދުނިޔެއަށް ދައްކާލުމަށް ވަނީ ރޭވިފައެވެ.
ބ. އޭދަފުށިން 10 މިނެޓުގެ ދުރުމިނުގައި އޮންނަ ވިލިނގިލިފަރު ފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރުދޫނި ޖަމާވާ ފިނޮޅެއް ކަމަށްވުމާއެކު، މިއީ ދުނިޔޭގެ ސަމާލުކަން ލިބޭނެ ހަރަކާތަކަށް ވާނެ ކަމަށް ވީއެމްސީން ބުނެއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ރަށްތަކާއި ފަރުތަކުގެ ދިރުމުގެ މުއްސަނދިކަން ދައްކާލުމަށް އެންމެ އެކަށީގެންވާ އެއް ސަރަޙައްދު ކަމަށްވެސް ވީއެމްސީން ފާހަގަކޮށްފައިވެއެވެ.
ފީނުމުގެ ރިކޯޑު މުގުރާލުމަށް ބައިވެރިން ފީނާ ފަޅަކީ ތަފާތު ބާވަތުގެ މުރަކަ އާއި މަސްމަހާމެހިން މުއްސަނދި ފަރެކެވެ. މި ހަރަކާތަކީ ރިކޯޑެއް މުގުރާލުމުގެ އިތުރުން ދުނިޔެއަށް ރާއްޖޭގެ ރީތިކަމާއި ޤުދުރަތީ މުއްސަނދިކަން ތަފާތު ގޮތަކަށް ދައްކާލުމަށް ލިބޭ ފުރުސަތެއް ކަމަށް ވީއެމްސީން ބުނެއެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ބ.އަތޮޅު ކައުންސިލުން ތައްޔާރުކޮށްފައިވާ ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް މިހާރު ރެޖިސްޓަރ ކުރެވެއެވެ. އަދި ހަރަކާތް އޮންނަ ދުވަހު ވިލިގިލިފަރު ފިނޮޅަށް ދަތުރުކުރުމުގެ އިންތިޒާމު ބ. އަތޮޅުގެ ކޮންމެ ރަށަކުންވެސް ލިބޭނެ ގޮތް އަތޮޅު ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.