ބ. އަތޮޅުގައި އިތުރު ދެ ރިސޯޓް ހުޅުވައިފި

މިލައިދޫ ރިސޯޓް
މިލައިދޫ ރިސޯޓް

ދުނިޔޭގެ މަޝްހޫރު އެއް ހޮޓެލް ޗެއިން، ފޯސީޒަން ރިސޯޓުން ބ. އަތޮޅުގައި ތަރައްގީކުރި “ވޯވަށް” ރިސޯޓާއި ޔުނިވާސަލް އިން ބ. މިލައިދޫގައި ތަރައްގީކުރި ރިސޯޓް ހުޅުވައިފި އެވެ.

މިލައިދޫ ރިސޯޓު މިދިޔަ މަހު 29 ގައި ހުޅުވާފައިވާއިރު ވޯވައް ހުޅުވީ މިހަފްތާތެގޭގަ އެވެ.

މި ދެ ރިސޯޓް ހުޅުވުމާއެކު މިއަހަރު ތެރޭ މިއަތޮޅުގައި ހުޅުވި ރިސޯޓްތަކުގެ އަދަދު 4 އަށް އެރީ އެވެ.

މިލައިދޫ

މިއީ ކަމަދޫ ކައިރީގައި އޮންނަ 5.4 ހެކްޓަރުގެ ހިތްގައިމު ކުޑަ ރަށެކެވެ.

ޔުނިވާސަލް އިން ބުނިގޮތުގައި ފަސްތަރީގެ ފެންވަރަށް ތަރައްގީ ކޮށް ހުޅުވި އެ ރިސޯޓްގައި ޓޫރިސްޓުން ތިބުމަށް ޖުމްލަ 50 ކޮޓަރި ހަދާފައިވެއެވެ. އެއީ 30 ވޯޓާވިލާ އާއި 20 ބީޗްވިލާއެވެ. ވޯޓާވިލާ އެއްގެ ބޮޑުމިނަކީ 245 އަކަމީޓަރެވެ. އަދި ބީޗްވިލާ އެއްގެ ބޮޑުމިނަކީ 290 އަކަމީޓަރެވެ. ކޮންމެ ވިލާއެއްގައި ޕްރައިވެޓް ސްވިމިންޕޫލެއް ހުރެއެވެ.

މިލައިދޫ ރިސޯޓް
މިލައިދޫ ރިސޯޓް

ރިސޯޓްގެ ހުރިހާ ތަނެއްވެސް ފަރުމާކޮށްފައި ހުންނާނީ ދިވެހި ސަގާފަތް ދައްކުވައިދޭ ގޮތަށްކަމަށް އެ ރިސޯޓްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

މިލައިދޫގައި ދުނިޔޭގެ ފެންވަރުގެ އެކި ރަހަތަކުގެ ކެއިން ބުއިމުގެ ހިދުމަތްދޭ ތިން ރެސްޓޯރަންޓް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ސްޕާ އާއި ޔޯގާ އަދި ޖިމެއް ވެސް އެ ރަށުގައި ހުރެ އެވެ. އަދި ޑައިވް އާއި މެރިން ސްޕޯޓްސް ސެންޓަރެއް ވެސް ހުރެ އެވެ.

ބ. އަތޮޅުގެ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގައި އޮންނަ މިލައިދޫއަށް ދާ ފަތުރުވެރިންނަށް، މެންޓާ ރޭއާއި ފެހުރިހި ބެލުމަށް ހަނިފަރު ސަރަހައްދަށް ދެވޭނެ އިންތިޒާމު ރިސޯޓުން ހަމަޖައްސައިދެއެވެ.

ވޯވައް

ވޯވަށް ރިސޯޓް
ވޯވަށް ރިސޯޓް

ފޯސީޒަން ލަނޑާގިރާވަރު ރިސޯޓު ކައިރީގައި އޮންނަ ހިތްގައިމު ކުޑަ ރަށް (ވޯވައް) ތަރައްގީ ކޮށްފައިވަނީ އެންމެ މަތީ ފެންވަރުގައި އަދި 22 މީހުންގެ ޖާގައިގެ ޕްރައިވެޓް ރަށެއްގެ ގޮތުގަ އެވެ.

މިއީ ފޯސީޒަނުން ރާއްޖޭގައި ހުޅުވި ފުރަތަމަ ޕްރައިވެޓް ރަށެވެ. އެ ކުންފުނިން ލަނޑާގިރާވަރުގެ އިތުރުން ކ. ކުޑަހުރާގައި ފޯސީޒަން ކުޑަހުރާގެ ނަމުގައި ވެސް ފަސް ތަރީގެ ރިސޯޓެއް ހިންގަ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ފޯސީޒަނާ ހަވާލާދީ ކުރިން ބުނެފައިވަނީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ރަށް ވެގެންދާނީ ވަގަށް ފޮޓޯ ނަގާ މީހުންނަށް މަނާ އަދި ހުޅުވާލެވިފައިވާ ފުރުސަތުތަކެއް ލިބޭ ހިތްގައިމު ތަނަކަށް ކަމަށެވެ.

ފޯސީޒަނުން ބުނީ ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ރަށް ވެގެންދާނީ ޓޫރިސްޓުންނަށް ވަރަށް ހިތްހަމަޖެހޭ އަމިއްލަ ރަށެއް ކަމަށް އިހުސާސްކުރެވޭ ތަނަކަށް ކަމަށެވެ. އަދި ލަނޑާގިރާވަރުން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށަށް އަންނަން ބޭނުންވާ ގެސްޓުންނަށް ޕްރައިވެޓް ބުކިން ހެދޭނެ ކަމަށްވެސް އެ ރިސޯޓުން ބުނެއެވެ.

ވޯވަށް ރިސޯޓް
ވޯވަށް ރިސޯޓް

ހަތް ކޮޓަރީގެ އެރަށުގައި ސްޕާއަކާއި ޑައިވް ސެންޓަރެއްގެ އިތުރުން 19 މީޓަރުގެ ޔޮޓެއް ވެސް އޮވެއެވެ. އޭގެ އިތުރުން އެ ރަށުގައި ދެ ބުރީގެ ބީޗް ހައުސްގައި ކާ ތަނަކާއި ނިދާ ކޮޓަރިއަކާއި ސްވިމިން ޕޫލަކާއި ލައިބްރަރީ އަދި ޖިމެއް ވެސް ހުންނާނެ ކަމަށް ފޯސީޒަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.