
ބީއެމްއެލްގެ 21 ވަނަ އިންޓަސްކޫލް ސްވިމިން މުބާރާތް މިއަދު ނިންމާލައިފި އެވެ.
ހަ ދުވަހަށް ކުރިއަށް ދިޔަ އެ މުބާރާތް ބޭއްވީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެސް ޕޫލްގަ އެވެ. އެ މުބާރާތުގައި 18 ސްކޫލަކުން 12 އަހަރާއި 18 އަހަރާ ދެމެދުގެ 365 ދަރިވަރުން ބައިވެރިވި އެވެ. އެ ދަރިވަރުން ބައިވެރިވީ ފްރީސްޓައިލާއި ބެކްސްޓްރޯކާއި ބްރެސްޓްސްޓްރޯކާއި ބަޓަފްލައިފަދަ އިވެންޓްތަކުގަ އެވެ.
ބީއެމްއެލްގެ އިންޓަ ސްކޫލް ސްވިމިން މުބާރާތް — ފޮޓޯ/ބީއެމްއެލް
އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، އެ މުބާރާތުން ވަނަ ހޯދި ދަރިވަރުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.
ބީއެމްއެލްގެ އިންޓަ ސްކޫލް ސްވިމިން މުބާރާތް — ފޮޓޯ/ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ސްވިމިން އެސޯސިއޭޝަނާއެކު އެކްސްކްލޫސިވް ޕާޓްނާޝިޕެއްގެ ދަށުން، އެ ކުޅިވަރު ތަރައްގީ ކުރުމުގެ ބައިވެރިއެއްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި އަހަރު އެ ބޭންކުން ވަނީ ސްވިމިން އެސޯސިއޭޝަނާއެކު ގާއިމުކޮށްފައިވާ ޕާޓްނަޝިޕް އިތުރު ތިން އަހަރުގެ މުއްދަތަކަށް ގާއިމްކޮށް، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށްފަ އެވެ.