
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރަމުންދާ ބ. ފެހެންދޫން ވިކްޓަރީ ސްޕޯޓްސް ކްލަބު މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ފެހެންދުއާއި ވިކްޓަރީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ފެހެންދޫއަކީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި، ޕްރިމިއާ ލީގުން ޖާގަ ހޯދި ޓީމެކެވެ. އަދި ވިކްޓަރީއަކީ މާލޭ ލީގުގެ ފަސްވަނައިގައި ނިންމާލި ޓީމެވެ.

މެޗަށް ފަހު ފެހެންދޫގެ ކޯޗު އަނިލް ބުނީ ދެ ޓީމުގެ ދެމެދުގައި އޮތް ތަފާތު ވަރަށް ބޮޑު ނަމަވެސް އެކަން ދަނޑުމަތީގައި ފެނިގެން ނުދިޔަ ކަމަށެވެ.

“އަހަރުމެންގެ ޓީމާއި ވިކްޓަރީއާ މި އޮތް ތަފާތު ކަމަކީ ނާސަރީން ފެށިގެން ޑިގްރީއާ ހަމައަށް ތަފާތު އޮތް ދެ ޓީމު. ނުލާހިކު މަދު އާބާދީއެއް އޮތް ރަށެއްގެ ޓީމެއް މި ހިސާބަށް އައިސް ޕޮއިންޓެއް ހޯދުމަކީ ވެސް ތަށްޓެއް ލިބުން ފަދަ ކަމެއް. ކުޅުންތެރިން ކައިރީގައި ބުނިގޮތަށް އެ ޑިސިޕްލިން ހިފަހައްޓައިގެން ކުރި މަސައްކަތް މިއީ،” އަނިލް ބުންޏެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީން ވަނީ ފެހެންދޫގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ ސިމޯން ޓިބޯއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ފެހެންދޫގެ ގޯލާ އަމާޒުވެފައިނުވާ އިރު، ދެވަނަ ހަމަލާގެ ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފެހެންދޫގެ ކީޕަރު އިބްރާހިމް ޒަޔާނެވެ.
ދިވެހި ޕްރިމިއާ ލީގުގައި ފެހެންދޫ ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ޓީސީ ސްޕޯޓްސް އާ ދެކޮޅަށެވެ.
