އޭދަފުއްޓަށް މީހުން ބަދަލުކުރިތާ ރަންޔޫބީލް ފާހަގަ ކުރަނީ

ބ. އޭދަފުއްޓަށް މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން ބަދަލުކުރިތާ ފަންސާސަ އަހަރުފުރޭ ރަން ޔޫބީލް އަންނަ އަހަރު ކުލަގަދަކޮށް ފާހަގަކުރަން ޖަމިއްޔާތުލް ވަފާއިން ނިންމައިފި އެވެ.

ވަފާ ޖަމިއްޔާއިން ބުނިގޮތުގައި އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރުފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ކުޅިވަރު އީދެއްގެ ގޮތުގައި ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ޓާމު ބަނދުގައި މާޗު މަހުގެ 8 އިން 14 އަށެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި މި ހަރަކާތް ބައްޓަން ކުރެވިފައިވަނީ ސަގާފީ ތަފާތު ކުޅިވަރުތަކާއި މުބާރާތްތައް ވެސް ހިމެނޭގޮތަށެވެ. އެގޮތުން ކުޅިވަރު އީދުގައި މީހުން ބަދަލުކުރިރާ 50 އަހަރުފުރޭ ރަންޔޫބީލް އަށް މަރުހަބާ ކިޔުމުގެ ގޮތުން ރަންޔޫބީލް ހުޅު ރޯ ކުރުމާއި ރަދުން ހިއްޗަށް ދިއުމާއި ކޯޑި ކުޅުމާއި ބިލެތްދަފި ނެގުމާއި ކުރުފަލި ޖެހުމާއި ދެލިމާލި ނެށުންފަދަ ކުޅިވަރުތައް ހިމެނެ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހަވީރާއި އިސްރައްވެހިންގެ ހަވީރާއި ސްޖޭޖް ޝޯ އަދި އޭދަފުށީ ރައްޔިތުންނަށް ޖާފަތެއް ދިނުމާއި މުނާސަބަތާ ގުޅޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ނިންމާފައިވާ ކަމަށް ވަފާ ޖަމިއްޔާއިން ބުނެއެވެ.

ވަފާ ޖަމިއްޔާއިން ބުނި ގޮތުގައި މިހަރަކާތްތަކުގައި އޭދަފުށީގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ ޖަމިއްޔާގެ ވަރަށްބޮޑޫ އެދުމެކެވެ.

މާއްޑޫ، އުނޑޫދޫ އަދި ފޮނަދޫ މީހުން ފައިބަންޖެހުނު ހަމަ އެކަނި ސަބަބަކީ، އާބާދީ މަދުވުމެވެ. ހުކުރު ހަމަވާ އަދަދަށް 40 މީހުން ނެތް ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން އެރަށްރަށް ދޫކޮށްލަން އެ ރަށު މީހުންނަށް މަޖުބޫރުވީ އެވެ.

މި ރަށްރަށުގެ ތެރެއިން މާއްޑޫގައި ފުރަތަމަ މީހުން ދިރިއުޅެން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް އެނގޭކަށް ނެތެވެ. އެއީ އަތޮޅުގެ ނިސްބަތުން އާބާދީ ކުޑަ ރަށެއް ނޫނެވެ. މާއްޑޫގެ ގަބުރުސްތާނުންނާއި ބަދަލުވި ގޭގޭގެ އަދަދަށް ބަލާއިރު ވެސް ފާހަގަކުރެވެ އެވެ. ބަދަލުވިއިރު ޖުމްލަ 32 ގޭގައި އުޅުނު މީހުންގެ އަދަދު ހަމަގައިމު ވެސް 200 އަށްވުރެ ގިނަވާނެ ކަމަށް ބެލެވެ އެވެ.

އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ބަދަލުވާން ޖެހޭތީ ބަޔަކު އެކަމާ ހިތާމަކުރި އެވެ. ކަރުނަ އަޅާ ރުއިމީހުން ތިއްބެވެ. ފަންޑިތަހަދައި ދުއާ ވެސް ކުރި އެވެ. ނަމަވެސް އެއީ ތަންކޮޅެއް ދޮށީމީހުންނެވެ. ގިނަ ބަޔަކު އުފާކުރި އެވެ. ބޮޑު އާބާދީއަކާ ގުޅެވުނީމަ އެވެ. އިތުރު ޚިދުމަތްތަކެއް ލިބޭތީ އެވެ. އޭރު ފުނަދޫ، އުނޑޫދޫ މީހުން ވެސް ވަނީ އޭދަފުށްޓަށް ބަދަލުކޮށް ނިމިފަ އެވެ.

މާއްޑޫގެ ފުރަތަމަ އަށް ގޭގެ އާއިލާ ބަދަލުކުރީ ނޮވެމްބަރ 7، 1968 ގައެވެ. ބާކީ ހުރި 24 ގޭގެ މީހުން ބަދަލުކޮށް ނިމުނީ ޑިސެމްބަރ 17، 1968 ގަ އެވެ. ގެތައް އަޅައިދީ ރަށުން މީހުން ގެނައީ އޭދަފުށީގެ މަސްދޯނިތަކުގަ އެވެ. އެ މީހުން ބޭނުންވާ ކޮންމެ އެއްޗެއް ގެނައުމުގެ އިންތިޒާމު ހަމަޖެއްސި އެވެ. ބައެއް މީހުން ގޭގޭ ފާރު ތަޅާލި ގާތަކާއި، ބޮޑެތި ވަޅުބުރި ވެސް ގެނަ އެވެ.

ނަވާރަސަތޭކަ ފަސް ދޮޅަހުގެ އަހަރުތަކުގައި ސަރުކާރުން މީހުން ބަދަލުކުރި ގިނަ ރަށްރަށުން ބަދަލުކުރި ރަށްރަށުގައި ނުތިބެ ފައިބައިގެން ދިޔަ ނަމަވެސް އޭދަފުށީގައި ވަޒަންވެރި ކުރުވި ތިން ރަށުގެ ރައްޔިތުން އޭދަފުށި ދޫކޮށެއް ނުދެ އެވެ. ހަމަހަމަ ފުރުޞަތާއެކު އިޤްތިޞާދީ، އިޖުތިމާއީ، އުމްރާނީ ކުރިއެރުމުގައި ނަސްލީ ތަފާތުކުރުމެއް ނެތި އެންމެންނަކީ މިއަދު އޭދަފުށީ މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މާޖިއު.

    އެކަމެއް ނޭންގެ. މިހާރުވެސް ދިމާކުރާ ވަރުން ދިމާކުރޭ……މާއްޑޫ ދަަައްކާފަ ރަށަަށް ދާށޭ ގޮވާ ވަރު ކުޑަތަ…….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.