އޭދަފުއްޓަކީ ރާއްޖޭގައި ފުޓްބޯޅަ ކުޅުންތެރިން އުފައްދާ ހަބެއްކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވެއްޖެ އެވެ.
ފީފާ ޕްރޮޖެކްޓެއްގެ ދަށުން އޭދަފުށީގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީހެއް ގާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަޝްވަރާ ބައްދަލުވުމަށްފަހު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ސާންތީ ވިދާޅުވީ މިރަށުގައި ފުޓްބޯޅައިގެ ރޫހު އަދިވެސް އެބައޮތް ކަމަށާއި މިރަށުގައި ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީސް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ
“މިއީ (އޭދަފުއްޓަކީ) ފުޓްބޯޅައަށް ވަރަށް ފޯރި އޮތް ރަށެއް. އަދި ކުޅުންތެރިން އުފައްދާ ހަބެއް، ނާސަރީއެއް،” ސާންތީ ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި އޭދަފުއްޓަކީ މުހިއްމު ރަށެއްކަން ފާހަގަ ކުރައްވަމުން ސާންތީ ވިދާޅުވީ ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީހެއް ގާއިމުކޮށް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ފެށުމުން ދިވެހި ފުޓްބޯޅައަށް އެންމެ ބޮޑު ކުރިއެރުމެއް ގެންނާނެ އެއް ރަށަކަށް އޭދަފުށީ ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
“މިހާރު އޭދަފުށީގައި ކުޅުންތެރިން މި އުފެދޭވަރަށްވުރެ އަދި ދެގުނަ އިތުރަށް އުފެއްދުން އެއީ މި ޕްރޮގްރާމުގެ އެއް މަގުސަދު،” ސާންތީ ވިދާޅުވި އެވެ.
މިރަށަށް އުފަން މަހުޖަނު ކްރައުން އަހްމަދު ނަޒީރުގެ އެހީގައި ގާއިމުކުރާ ޓާފު ދަނޑުގެ މަސައްކަތައް އަލިއަޅުއްވާލައްވަމުން ސާންތީ ވިދާޅުވީ “މިއިންވެސް ދައްކުވައިދެނީ މިރަށު ރައްޔިތުންގެ ހިތުގައި ފުޓްބޯޅައަށް އޮތް ޝައުޤުވެރިކަން” ކަމަށެވެ. އަދި މި ދަނޑު ނިމުމުން އޭދަފުށީ ފުޓްބޯޅަ ކުރިއަރައި ދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އެފްއޭއެމުން އޭދަފުށި ހިމެނޭގޮތަށް ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތތް ފެށުމަށއް ދަނީ ތައްޔާރުވަމުންނެވެ. އަދި އެ ސަރަހައްދުތަކުގައި ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅައިގެ ތަމްރީންތަކާއި މުބާރާތްތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށްގެންދެވޭނެ ކަމަށް އެފްއޭއެމުން ބުނެއެވެ.


