
ބ. އޭދަފުއްޓަށް މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން ބަދަލުކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވަފާ ޖަމިއްޔާއިން އަނެއްކާ ވެސް ފުޑް ފެއާ އެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ވަފާ ޖަމިއްޔާއިން ބުނިގޮތުގައި “ރަންޔޫބީލް ފުޑް ފެއާ” ނަމުގައި ބާއްވާ މި ފެއާ އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00-6:00 އަށް ފުށި ފަންނު ޕާކު ސަރަހައްދުގަ އެވެ. މި ފެއާގައި ވެސް ކުޑަކުދިންނަށް ޚާއްސަ ސްޓޯލްތައް ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ރަންޔޫބީލް ހަރަކާތަށް ފަންޑު ރައިސް ކުރުމަށް އެ ޖަމިއްޔާއިން ވަނީ މިދިޔަ ނޮވެމްބަރު މަހުވެސް ކާމިޔާބު ފުޑްފެއަރއެއް ބާއްވާފައެވެ.
ވަފާ ޖަމިއްޔާ އިން ބުނީ އަންނަ ހުކުރުދުވަހު ބާއްވާ ފުޑް ފެއާ އިން ވެސް ކުރިން ލިބުނުފަދަ ތަރުހީބެއް ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށާއި މި ފެއާގައި ވެސް ތަފާތު ބާވަތް ބާވަތުގެ މީރު ކާތަކެތި ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް ވަފާ ޖަމިއްޔާއިން ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތައް ކުޅިވަރު އީދެއްގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވަނީ އަންނަ މާޗުމަހުގެ ފުރަތަމަ ޓާމުގެ ބަންދުތެރޭގަ އެވެ.
