ބީއެމްއެލް އިސްލާމިކް އިން ސޭވިންގްސް އަދި އިންވެސްޓްމަންޓް ޑިޕޮސިޓް އެކައުންޓް ތައާރަފްކޮށްފި

 

ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް މިއަދު ދެވައްތަރެއްގެ ސޭވިންގްސް އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓެއް ތަޢާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ޚިދުމަތާއެކު ޝަރީޢާ އާއި އެއްގޮތްވާގޮތުގެ މަތިން ބީއެމްއެލް އިސްލާމިކުން ދެމުންދާ ޚިދުމަތްތަކަށް މިވަނީ އިތުރު ފުރިހަމަކަމެއް ލިބިފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި އެކައުންޓްތައް ބިނާކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އުސޫލެއްކަމަށްވާ ވަކާލާ އުސޫލުގެ މައްޗަށެވެ. މިގޮތުން ކަސްޓަމަރު އެކައުންޓުގައި ބަހައްޓާ ފައިސާ ޝަރީޢާ ހުއްދަކުރާ ކަންކަމަށް އިންވެސްޓްކުރުމަށްފަހު އެއިން ފައިދާ ލިބުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

‘ބީއެމްއެލް އިސްލާމިކް ސޭވިންގސް އެކައުންޓް’ އަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެފައިސާއިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތަޢާރަފުކުރާ ޚިދުމަތެކެވެ.

‘ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް’ އަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި ތަޢާރަފުކުރި އެކައުންޓެކެވެ. ‘ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް’ އަކީ ޝަރީޢާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށް ފައިސާ ރައްކާކުރުމަށްޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ޚާއްސަ ކޮށް ތަޢާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.

ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ޝަރީޢާގެ ހަމަތަކަށް ފެތޭ އިތުރު ތިން ޑިޕޮސިޓް އެކައުންޓެއް ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތްތަކަށް އިތުރުކުރެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ.

“ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ޚިދުމަތްތައް މިދަނީ ފުޅާކުރެވެމުން. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ޝަރީޢާގެ ހަމަތަކަށް ފެތޭ އިތުރު ތިން ޑިޕޮސިޓް އެކައުންޓެއް ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތްތަކަށް އިތުރުކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.” ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.