
ހުނަރުވެރި އެތައް ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފައްދާފައިވާ ބ. އޭދަފުށީގައި ހަދާ ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑުގައި އިއްޔެ ޓާފު އަޅަން ފަށައިފި އެވެ.

އޭދަފުއްޓަށް އުފަން މަހުޖަނު، ޗާންދަނީ އަހްމަދު ނަޒީރު ފަންޑު ކޮށްގެން މިރަށުގައި ގާއިމުކުރާ ޓާފް ދަނޑުގައި އަޅާ ޓާފަކީ ފީފާގެ ރުހުން ދީފައިވާ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ އެސްޕީމެކްސް45 ގެ ޓާފެވެ.

މި ދަނޑުގެ ޕިޗް ތައްޔާރުކޮށްފައިވަނީ ބިމުގެ ފަސްގަނޑު ފުނަށް ކޮނުމަށްފަހު، އޭގެ މައްޗަށް 3000 ޓަނުގެ ހިލަ އާއި ފުނޑުކުރި ހިލަވެލިއަޅާ ލެވެލް ކުރުމަށްފަހު އެވެ. އަދި އޭގެ މަތީގައި ދަނޑުގެ އަޑިއަށް ފެން ނުދާނެހެން ފެން ނުވަންނަ ފަށަލައެއް ނުވަތަ ވޯޓަރ ޕްރޫފް މެމްބްރޭން އެއްވެސް ވަނީ އަޅައިފަ އެވެ.

އަދި އޭގެ މަތިން ޝޮކްޑްރެއިން ނިޒާމު ގާއިމުކުރެވިގެންދާނެ އެވެ. މި ނިޒާމަކީ އާންމުކޮށް ބިމުގެ ފަސްހަރުކޮށްގެން އެޅޭ ދަނޑުތަކާއި ބަލާފައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަކޮށް ދޭނެ ނިޒާމެކެވެ. ނަމަވެސް މި ނިޒާމުގެ މައި މަގްސަދަކީ ދަނޑުގެ އަޑިއަށް ފެން ދިޔަނުދީ، ވަށައިގެން ހެދޭ ކާނުގަނޑުތަކަށް ފެނދާނެގޮތް ހެދުމެވެ. މީގެ ސަބަބުން ވާރޭ ވެހުނަސް ދަނޑު ޗަކަ ނުވެ، ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު އެއްވެސް ހުރަހަކާނުލާ ވާރޭގައިވެސް ދައްކާލެވޭނެއެވެ.

ޤައުމީ ފެންވަރުގެ މެޗުތައް ވެސް ކުޅެވޭ ފެންވަރުގެ މި ޕިޗް އިންސްޓޯލްކޮށް ނިމޭއިރު އެންމެ ފެންވަރު ރަނގަޅު ލައިޓިން ސިސްޓަމެއްވެސް ގާއިމުކުރުމަށް ވަނީ ރާވައިފަ އެވެ. އަދި މި ދަނޑުވެގެންދާނީ މުޅި ރާއްޖޭގައިވެސް މިހާތަނަށް ގާއިމުކުރެވޭ އެންމެ ފެންވަރު ރަނގަޅު ޓާފު ދަނޑަށެވެ.

އޭދަފުށީ އިރުމަތީ ސަރަހައްދުގައި 254000 އަކަފޫޓްގެ މި ދަނޑުގެދިގުމިނަކީ 105 މީޓަރު އަދި ފުޅާމިނަކީ، 68 މީޓަރު ހުރެއެވެ.



