
ބ. އޭދަފުށީގެ ރައްޔިތުންނަށް ގޭސް ވިއްކުމަށްޓަކައި ބޭނުންވާ މަސައްކަތް ކުރުމަށްޓަކައި ރައްޔިތުންގެ ކުރީގެ އިންޖީނުގެ ހުރި ހުސްބިން ހަ މަސްދުވަހަށް ހިލޭ އެސްޓީއޯއަށް ދޭން އޭދަފުށީ ކައުންސިލުން ނިންމައިފި އެވެ.
އޭދަފުށީ ކައުންސިލު އިދާރާއިން ބުނިގޮތުގައި މިގޮތަށް ނިންމީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައި މަޝްވަރާކުރުމަށްފަހު، ކައުންސިލް މެމްބަރުންގެ ވޯޓަކުން އެއްބަސްވެވިގެންނެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ އެސްޓީއޯއަށް އެ ބިން ދޭން ނިންމީ ފަހަކަށް އައިސް އޭދަފުށީގައި ގޭސް ލިބުމުގެ މައްސަލަ ވަރަށްބޮޑަށް ދިމާވެ އާންމުންގެ ޝަކުވާ ލިބެމުންދާތީ އެސްޓީއޯއިން މި މަސައްކަތް ފެށުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ބިން އެސްޓީއޯއާ ވަރަށް އަވަހަށް ހަވާލުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް ހަބަރު ލިބިފައިވަނީ އެސްޓީއޯއިން މި ހިދުމަތް ނުފެށިވަނީ މިރަށޫގައި ގޭސް ރައްކާކުރާނެ ބިމެއް ނެތިގެންނޭ. އެހެންވެގެން ކައުންސިލުން މި ނިންމީ ބާ އިންޖީނުގެދޭން 6 މަހަށް. އެހެންވީމާ، ހަމަސްދުވަސް ނިމެންވާއިރަށް އެސްޓީއޯއިން މަޝްވަރާކޮށްގެން އިތުރު ގޮތެއް ހޯދުމަށް އަޅުގަނޑުމެން ފުރުސަތު މިދެނީ.” އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.
އޭދަފުށީގައި މިވަގުތު ގޭހުގެ ވިޔަފާރި ކުރަމުންދަނީ އަމިއްލަ ތިން ފަރާތަކުންނެވެ. އެއީ ވައިޓްވޯލް، ގޭސް ޕޮއިންޓް އަދި ކިރިލި ފިހާރަ އެވެ.
3500 އަކަފޫޓަށްވުރެ ބޮޑު ބާ އިންޖީނުގޭ ގޯއްޗަކީ މިރަށު ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތްދިނުމަށް ރައްޔިތުންގެ ނަމުގައި ކުރީގެ އިންޖީނުގެ ހިންގި ގޯއްޗެވެ. ސްޓެލްކޯއިން އޭދަފުއްޓަށް ކަރަންޓްގެ ހިދްމަތް ދޭން ފެށިފަހުން އެގޯތީގެ ބޭނުން އެދެވޭގޮތެއްގައި ހިފަމުންނުދާތީ، އަދިވެސް އެތަންއޮތީ ބާއިންޖީނުގޭގެ އިމާރާތާއެކު ހަމައެކަނި ގޯއްޗެއްގެ ގޮތުގައެވެ.