ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަލުން ބީލަމަށްލައިފި

އޭދަފުށީ ހިއްކި ސަރަހައްދުގައި ބަޔަކު ހިނގާފައިދަނީ-- އީޓީ ފޮޓޯ ނައުޝަލް
އޭދަފުށީ ހިއްކި ސަރަހައްދު. ރިވެޓްމެންޓ ޖަހާނެ ބަޔަކު ހޯދުމަށް ވަނީ އަލުން އިއުލާންކޮށްފައި– އީޓީ ފޮޓޯ ނައުޝަލް

 

އޭދަފުށިން ބިންހިއްކި ސަރަހައްދު ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އަލުން ބީލަމަށްލައިފި އެވެ.

އޭދަފުށީގެ އިތުރުން މި ޕްރޮޖެކްޓްގެ ދަށުން ބޮސްކާލިސްއާ ހަވާލުކޮށްގެން ބިން ހިއްކި އަނެއް ތިން ރަށް ކަމަށްވާ ކ. ތުލުސްދޫ އާއި ދ. މީދޫ އެއަތޮޅު ކުޑަހުވަދޫ ގައިވެސް ރިވެޓްމަންޓަ ޖަހާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަލުން ބީލަމަށްލާފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ރަށްތަކުގެ ބީލަށް އަލުން ހުޅުވާލަން ޖެހުނީ ކުރީގެ އިއުލާނާއި ގުޅިގެން ބީލަން ހުށަހެޅި އެއްވެސް ފަރާތެއް އިވެލުއޭޝަނުގައި ފާސްވެފައިނުވާތީ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން 13:30 އަށް އެމިނިސްޓްރީގައި ކަމަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 130،000 ރ. ބަހައްޓަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 118 ދުވަހެވެ.

ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށްލި އިރު އޭދަފުށިގައި މި މަސައްކތް ކުރުމަށް ބޭނުންވާ ބައެއް މެޝިނަރީޒް އާއި ވަރަށް ގިނަ އަދަދެއްގެ ބޮޑުހިލަ ޝިޕްމަންޓްތައްވެސް މިރަށަށްވަނީ ގެނެސްފަ އެވެ. އަނެއްކޮޅުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ހިއްކި ބިމުގެ އެކި ސަރަހައްދުތަކުން ދަނީ ގިރަމުންނެވެ.

އޭދަފުށީގެ ބިން ހިއްކާފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލް އާ ހަވާލުކޮށްގެން ދިވެހި ސަރުކާރުގެ ބަޖެޓުން ގާތްގަޑަކަށް 126 މިލިޔަން ރުފިޔާ ޚަރަދުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އޭދަފުށީގެ ބިން ހިއްކުމަށްފަހު، ޖިއޯ ބޭގްސް ބޭނުންކޮށްގެން ރަށް ހިމާޔަތްކޮށް، އެންމެ ބޮޑަށް ގިރާނެ ކަމަށް ބެލެވޭ ސަރަހައްދުގައި ބޮޑު ހިލަޖަހަން އެގްރީމެންޓް ކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.